10 May 2011, 13:43
މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް ]އެމްއެންއެސްއެލް[ގެ "އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް"، ވިއްކާލަން އިންޑިއާ އަށް ގެންދިޔަ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް ]ބީއެމްއެލް[ގައި ބޯޓް ރަހުނުކޮށްފައި އޮތުމުން ބޯޓް ވިއްކާލަން ހުރަސް އެޅިފައިވާ ކަމަށް އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފު ]ސެންކޯ ޝަރީފު[ މިއަދު ވިދާޅުވެއްޖެ އެވެ.
އެފްރިކާ އާއި ޔޫރަޕަށް ދަތުރު ކުރާ "އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް" ވިއްކާލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، ސަން އަށް މައުލޫމާތު ދެއްވަމުން ސެންކޯ ޝަރީފު މިއަދު ވިދާޅުވީ ބީއެމްއެލް އިން ބޯޓް ރަހުނުކޮށްފައި ވަނީ ކުންފުނިން ނަގާފައިވާ ލޯންތަކާ ގުޅިގެން ކަމަށާއި އެކަމާ ގުޅިގެން ބީއެމްއެލްއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި އަހަރުގެ މާޗް މަހުން ފެށިގެން އެމްއެންއެސްއެލް އާއި ބީއެމްއެލްއާ ދެމެދު ކުރެވުނު މަޝްވަރާތަކުން ވެސް އަދި އެ މައްސަލަ ހައްލު ކުރެވިފައެއް ނުވެ އެވެ. ބީއެމްއެލްއާ އެކު ބާއްވާ މަޝްވަރާތަކުގައި އެމްއެންއެސްއެލް އިން ހުށަހަޅާފައި ވަނީ އެމްވީ މޯލްޑިވްސް އެންޓާ ޕްރައިޒްއަކީ މިހާރު ކުންފުންޏަށް އާމްދަނީ ވަންނަ ބޯޓެއް ނޫން ކަމަށާއި އެ ބޯޓަކީ ބާވެފައިވާ ބޯޓަކަށް ވުމާ އެކު، ކުންފުންޏަށް އާމްދަނީ ވަންނަ ބޯޓެއް ރަހުނު ކުރުމަށް އެދިފައިވެ އެވެ.
ބީއެމްއެލްއާއެކު އެފަދަ ވާހަކަތަކެއް ދެއްކެވިފައިވާކަން އެމްއެންއެސްއެލްއިން ވެސް ކަށަވަރުކޮށްދެ އެވެ.
އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް ރަހުނުކޮށްފައިވާއިރު، 1.6 މިލިއަން ޑޮލަރަށް ]24.6 މިލިއަން ރުފިޔާ[ ބޯޓް ވިއްކާލުމަށްޓަކައި ދުބާއީގެ ކުންފުންޏަކާ އެކު އެމްއެންއެސްއެލް އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެފްރިކާއިގެ ބަނދަރަކުން އިންޑިއާ އަށް ގެންގޮސްފައިވާ އެމްވީ މޯލްޑިވްސް އެންޓާޕްރައިޒް ވިއްކާލަން ނިންމާފައި ބާ ދަގަނޑުގެ ގޮތުގަ އެވެ.