ލ. ގަމުގައި އެޅި ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާހުކޮށްދެއްވައިފި އެވެ.

އެ މަޝްރޫއަކީ އެޖޯންސް ފްރާންސް ޑިވެލޮޕްމަންޓް (އޭއެފްޑީ)ގެ ހިލޭ އެހީގެ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ހަވާލުކޮށްގެން 2014 ވަނަ އަހަރު ފެށި މަޝްރޫއެކެވެ.

އޭއެފްޑީގެ ހިލޭ އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަށް 88.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫގެ ދަށުން ގަމުގައި ނުވަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް 23 ކިލޯމީޓަރުގެ ނަރުދަމާ ވިޔުގައެއް ގާއިމްކޮށް ދެ ސީ އައުޓްފޯލް އަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން 548 މޭންހޯލް އެ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގައި ހިމަނާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.