ބޮލީވުޑުގެ ކާމިޔާބު ތަރި އަކްޝޭ ކުމާރުގެ ހަށިފާރަވެރިޔަކު އޭނާގެ ސަޕޯޓަރެއްގެ ބޮލުގައި ގޮށްމުށުން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގެ ސަބަބުން ތަފާތު އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ވީޑިއޯގައި ފެންނަނީ މުމްބާއީ އެއާޕޯޓު ތެރެއިން އަކްޝޭ އާއެކު ސެލްފީއެއް ނަގަން އަކްޝޭއާ މާބޮޑަށް ގާތްވާ މީހެއްގެ ބޮލުގައި ބޮޑީގާޑު ގޮށްމުށުން ޖަހާ ތަނެވެ.

ވީޑިއޯ އާއި ގުޅިގެން އަކްޝާ ވަނީ މައާފަށް އެދި ވާހަކަ ދައްކާފަ އެވެ. އަކްޝޭ ބުނީ ބޮޑިގާޑު ކުރީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ބޮޑީގާދު ކުރީ ކޮށްގެން ވާނެ ކަމެއް ނޫން އެކަމަށް މައާފަށް އެދެން،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނެފައިވެ އެވެ.

އަކްޝޭ ބުނީ ބޮޑީގާޑުންގެ ފަރާތުން އެކަހަލަ ބައެއް ކަންކަން ފެންނަނީ، ސަޕޯޓަރުންގެ އަމަލުތަކުގެ ސަބަބުން ފަރުވާތެރިވާން ޖެހޭތީ ކަމަށެވެ.

"މީހެއްގެ ގައިގައި ޖެހުމަކީ ގޯސް ކަމެއް. އެކަމަކު މީގެ ދެތިން އަހަރު ކުރިން، އަހަރެން ވަރަށް ގިނަ ބަޔަކާ ސަލާމް ކުރަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ އަތުން ލޭ އަންނަނިކޮށް. ދެން އެނގުނީ ކޮންމެސް މީހަކު އަހަންނާ ސަލާމް ކުރި އިރު ނިޔަފަތި ދަށަށް ތިލައެއް ލައިގެން ހުރިކަން،" އަކްޝޭ ބުންޏެވެ.

އެފަދަ ކަންކަން ވިޔަނުދިނުމަށް އެކްޓަރުން އަމިއްލައަށް ވެސް ސަމާލުކަން ދޭން ޖެހޭކަން އަކްޝޭ ފާހަގަ ކުރި އެވެ.