އައިއީޑީ ހަރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ކުރެވިފައިވާ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" އަށް އަރައިވަޑައިގެންނެވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ، މިއަދު 1:00 އަށް ތާވަލްކުރި އަޑުއެހުން ފަސްކުރީ އަދީބުގެ ގާނޫނީ ވަކީލު މާލޭގައި ނޫޅުއްވާތީ ކަމަށެވެ.

މިއަދުގެ އަޑުއެހުން ފެށުމަށް އަދީބު ކޯޓު ރޫމަށް ވެއްދުމުން އޭނާ ވިދާޅުވީ، ކޯޓަށް ހާޒިރުވާންޖެހޭކަން އަންގާ ޗިޓު އެމަނިކުފާނަށް ލިބިވަޑައިގަތީ އިއްޔެ ކަމަށެވެ. އަދި ޗިޓު ލިބިވަޑައިގެންނެވި އިރު ވަކީލު ހުންނެވީ މާލެއިން ބޭރުގައި ކަމަށް އަދީބު ވިދާޅުވި އެވެ.

އެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އައިއީޑީއެއް ހަރުކުރުމަށްޓަކައި އަދީބަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ފިނިފެންމާ ލޯންޗަށް އަރާވަޑައިގެންފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ފަރާތުންނާއި އަދީބުގެ ފަރާތުން ހެކި ހުށަހެޅުމެވެ.

އެ ދައުވާގެ އިތުރުން ލޯންޗުކޮޅުގައި އައިއީޑީ ގޮވި މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.