އައިލެންޑް އޭވިއޭޝަނުން ރިސޯޓު ހިންގުމަށް ސަރުކާރުން ދީފައިވާ ތ. ރުއްތިބިރަށުގައި ރިސޯޓު ތަރައްގީ ކުރުމަށް މިއަދު ބަޔަކާ ހަވާލު ކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނަށް ތ. ތިމަރަފުށި އެއާޕޯޓު ހިންގުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވާ އިރު، އެއާޕޯޓާ އެކު ރިސޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން އެކުންފުންޏަށް ވަނީ ތ. ރުއްތިބިރަށް ވެސް ދީފަ އެވެ. މި ރަށަކީ، ތ. ކިނބިދޫގެ ހުޅަނގަށް، 800 ވަރަކަށް މީޓަރު ދުރުމިނުގައި އޮންނަ ފަޅު ރަށެކެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ވަނީ، އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލު ކޮށްފަ އެވެ. ސިންގަޕޫރު ކުންފުންޏަކާ ދިވެހި ކުންފުންޏެއް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ރިސޯޓު ތަރައްގީ ކުރުމަށް ހަވާލު ކުރީ ދެ އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ، ތ. ރުއްތިބިރަށުގައި ރިސޯޓެއް ތަރައްގީ ކުރެވިގެން ދިއުމުން، އެސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރައި ދާނެ ކަމަށާއި، ތިމަރަފުށި އެއާޕޯޓަށް ކުރާ ދަތުރުތައް ގިނަވެ، ދެމެހެއްޓެނެވި ގޮތެއްގައި އެއާޕޯޓު ހިންގުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނަށް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، އެ ސަރަހައްދުގެ ގިނަ ބަޔަކަށް ރިސޯޓުން ވަޒީފާ އުފެދޭނެ ކަމަށާއި، އެއާޕޯޓުގެ ޚިދުމަތް ފުޅާވުމުން އެއާޕޯޓުން ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.