10 May 2011, 13:32
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރަކީ އޭގެ ކުރީގައި ދުވަހަކުވެސް، އެހެން ވެރިއަކު ރާއްޖޭގެ ތައުލީމަށް ހަރަދު ނުކުރައްވާ މިންވަރަށް، މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް އަދި ހިދުމަތް ނުކުރައްވާ މިންވަރަށް ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރެއްވި ވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިސްކަންދަރު ސްކޫލްގެ ބާނީ، ރައީސް ނާސިރު ރާއްޖޭގެ ތައުލީމަށް ކުރެއްވި ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
ރައީސް ވިދާޅުވީ ރައީސް ނާސިރުގެ ވެރިކަމުގައި، ބައެއް އަހަރު ރާއްޖޭގެ މުޅި ބަޖެޓްގެ 60 ޕަސެންޓް، ތައުލީމަށް ހަރަދު ކުރައްވާފައިވާ ކަމަށާއި އެދުވަސްވަރަކީ، ރާއްޖޭގެ ތައުލީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ދުވަސްވަރެއް ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށިގެން އައީވެސް އެ ދުވަސްވަރު ކަމަށް ވެސް ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލްގެ ތާރީހުގެ މައްޗަށް ބައްލަވާލައްވައި އެމަނިކުފާނުގެ ދެއްކެވި ވާހަކަފުޅުގައި، ކުރިން އެ ސްކޫލުގެ ނަމަކީ ނާސިރިއްޔާ މޮންޓެސޫރީ ސްކޫލްކަން ފާހަގަކުރައްވައި، ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމަށްޓަކައި ރައީސް ނާސިރު އުފެއްދެވި ސްކޫލެއް ކަމަށެވެ. މީގެއިތުރުން އެ ސްކޫލް އުފެދިގެންއައި ގޮތާއި، ސްކޫލްގެ ބާނީއާއި، ސްކޫލްގެ ތާރީހާ ގުޅޭގޮތުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ، ސްކޫލްގެ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އިސްކަންދަރު ސްކޫލް ފެށިގެން އައީ، 1961 ވަނަ އަހަރު މެއި މަހުގު 10 ވަނަ ދުވަހު ހަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމުގަ އެވެ. އެ ސްކޫލްގެ ނަން ނާސިރިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމަށް ބަދަލުވީ 1970 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި އިސްކަންދަރު ސްކޫލުގެ ނަމުގައި ސްކޫލް ހިނގަން ފެށީ 1 ޖެނުއަރީ 1980 ގަ އެވެ. ސްކޫލްގެ ނަން ނިސްބަތް ވަނީ އިސްކަންދަރު ރަސްގެފާނަށެވެ.