މީގެ އަށް އަހަރު ކުރިން ގއ. ވިލިނގިލީގައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލައެއްގައި މަރަން ހުކުމްކޮށްފައިވާ ފަރިޔާޝް އަހުމަދުގެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް، އޭނާ މިނިވަންކޮށް ދީފި އެވެ.

އޮކްޓޫބަރު، 2014ގައި ޖަލުން ފިލައިގެން އުޅެނިކޮށް އަތުލައިގެންފައިވާ ފަރިޔާޝް މަރަން ހުކުމްކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. ޖުލައި، 2006 ގައި ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރުވި، ގއ. ވިލިނގިލީ ކަނޑު އޮޅި، މުހައްމަދު ޝިހާބުގެ މަރުގެ މައްސަލައިގައި ފަރިޔާޝް މެރުމަށް 2008 ގައި ޖިނާއީ ކޯޓުން ކުރި ހުކުމް ފަރިޔާޝްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ އަހަރެވެ.

ފަރިިޔާޝް މަރަން ކުރި ހުކުމް ބާތިލްކޮށް ހައި ކޯޓުން އޭނާ މިނިވަންކުރީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމާއި ހެކިންގެ ބަހުގައި ފުށުއެރުން ހުރުމުންނެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ހުކުމް އިއްވަވަމުން ވިދާޅުވީ ޖިނާއީ ކޯޓުގައި ހެކިބަސް ދިން ހެކިންގެ ބަހަށް ބަލާއިރު އެ މާރާމާރީގައި ފަރިޔާޝް ބައިވެރިވިކަން އެނގެން ނެތް ކަމަށެވެ. އަދި އެ މާރާމާރީގައި އަމަލީގޮތުން ބައިވެރިވި ކަމަށް އެއްބަސްވެފައިވާ މީހުންގެ ބަހަށް ބަލާއިރު ވެސް އެ މާރާމާރީގައި ފަރިޔާޝް ބައިވެރިނުވާ ކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަރިޔާޝް އެ މާރާމާރީގައި ބައިވެރިވި ކަމަށް ހެކިބަސް ދިން އެއް ހެއްކެއްގެެ ހެކިބަސް ބަލައިގަނެވެން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެއީ އެ ހެކިވެރިޔާއަކީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ފިލައިގެން އުޅުނު މީހަކަށް ވާތީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ފަރިޔާޝް މާރާމާރީގައި ބައިވެރިވި ކަމަށް ހެކިބަސް ދިން މީހުންގެ ތެރެއިން ބާކީ ތިބި މީހުންގެ ހެކިބަސް ނަގާފައި ވަނީ އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ކަމަށްވާތީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ފަރިިޔާޝަށް ލިބިފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

ފަރިޔާޝްގެ މަރުގެ ހުުކުމް ބާތިލްކޮށްފައި ވަނީ މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިިޔާރު ޝުޖާއު އުސްމާނު އަދި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ފަރިޔާޝްގެ އިތުރުން އިތުރު ތިން މީހަކު ވެސް އެ މައްސަލާގައި މަރަން ހުކުމްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ ޝަރީއަތް ގޯސްކޮށް ހިންގާފައި ވާތީ އެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން 2013 ގައި ވަނީ އަމުރުކޮށްފަ އެވެ.