ސަރުކާރުން ތަރައްގީ ގެންނަން ކަނޑައަޅާ ދާއިރާތަކުގައި ނޫނީ ދެން ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ނުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލ. މާވަށު މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ފަޅުތަކާއި ރަށްތަކަށް ލިބެންވާ އެންމެ ރަނގަޅު ފައިދާ ލިބޭނެ ގޮތަކަށް ޓޫރިޒަމްގެ ކަންތައް ކުރިއަށްގެންދަން ކަމަށެވެ.

"މިކަން ކުރާއިރު ޓޫރިޒަމް ތެރޭގައި އަޅުގަނޑުމެން ނިންމާފައި ހުރިގޮތަކީ ތަރައްގީ އަޅުގަނޑުމެން ގެންދަން ކަނޑައަޅާ ދާއިރާތަކުގައި ނޫނީ ޓޫރިޒަމްގެ މަސައްކަތްތައް ނުހިނގާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލެ އަތޮޅުގެ އެނބޫދޫފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ބަޔަކާ ސަރުކާރުން ހަވާލުކުރީ 40 މިލިއަން ޑޮލަރަށް ކަމަށާއި އެވަރުގެ ބޮޑެތި އަގަށް ނޫނީ ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރަން ފަޅުތަކާއި ރަށްތައް ދެން ދޫނުކުރާނެ ކަމަށެވެ.

މާވަށު ކައިރީ ޓޫރިސްޓް ދެ ރިސޯޓު ތަރައްގީ ކުރަން ވަރަށް އަވަހަށް އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ވަރަށް ގިނަ ރަށްތަކާއި ފަޅުތައް މި ސަރުކާރުން ވަނީ ކުއްޔަށްދޫކޮށްފައި ކަމަށާއި އެކަމުގެ ތެރޭގައި ސަރުކާރު ލަދުގަންނަން ޖެހޭ ވަރުގެ ކަންތައްތަކެއް ވަނީ ހިނގާފައި ކަމަށެވެ.

"އެހާ ގިނަ ފަޅުތައް ދެވިފައި އެހުރީ. ދެވިފައި ހުރި އިރު އެކަމުގެ ތެރޭގައި ހުރީ އަޅުގަނޑުމެންގެ ސަރުކާރުން ލަދުގަންނަން ޖެހޭ ވަރުގެ ކަންތައްތަކެއް އެކަމުގެ ތެރޭގައި ހިނގާފައި އޮތީ. މުޅި ސަރުކާރު ފަޟީހަތްވެ، މުޅި ސަރުކާރު ޖަވާބުދާރީވާވަރުގެ ހިތްދަތި ގޮތަކަށް އެކަންކަން ހިނގާފައި އޮތީ. އެހެންވީމަ އަޅުގަނޑުމެންގެ ޝައުގުވެރިކަމެއް ނެތް އެކަން އެގޮތަށް ގެންދާކަށެއް،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް ކުއްޔަށްދޫކުރި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. ގިނަ އަދަދެއްގެ ފަޅުތަކާއި ރަށްތައް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން "ކޮރަޕްޝަންގެ ތެރެއިން" ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ބޭފުޅަކީ އަދީބެވެ.