އިޓަލީއަށް ޒިޔާރަތް ކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު ގިނަ ވަމުންދާއިރު، އެ ފަތުރުވެރިންނަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ފުލުހުން އިޓަލީގެ ބައެއް ސިޓީތަކުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އިޓަލީގައި ޗައިނާ ފުލުހުން މަސައްކަތް ކުރަން ފެށީ، އެ ގައުމަށް އަންނަ ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމަށް މަސައްކަތް ކޮށްދިނުމަށެވެ. އެގޮތުން، ޗައިނާގެ ބައެއް ފުލުހުން އިޓަލީގެ ވެރިރަށް ރޯމްއާ މިލާނުގައި ހަރަކާތްތެރިވަމުންދެ އެވެ.

އިޓަލީގެ ސަރުކާރުގެ ހޯމް ސެކްރެޓަރީ އެންޖެލީނޯ އަލްފާނޯ ވިދާޅުވީ މިކަމުގެ މަގުސަދަކީ ޗައިނާ ފަތުރުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށާއި މި މަސައްކަތް އިޓަލީގެ އެހެނިހެން ސިޓީތަކަށް ވެސް ފުޅާ ކުރާނެ ކަމަށެވެ.

ޗައިނާ ފަތުރުވެރިންގެ މެދުގައި ޔޫރަޕަކީ މަގުބޫލު މަންޒިލަކަށް ވާއިރު، މިދިޔަ އަހަރު ވެސް 109 މިލިޔަނަށް ވުރެ ގިނަ ޗައިނާ ފަތުރުވެރިން ޔޫރަޕަށް ދަތުރުކޮށްފައިވެ އެވެ. ކަން މިހެން އޮތް ނަމަވެސް، ޔޫރަޕުގެ ބައެއް ގައުމުތަކުގެ ގޭންގުތަކުންނާއި ކުށްވެރިން ދަނީ އެ މީހުންގެ އަމަލުތަކުގެ އަމާޒަކަށް ޗައިނާ ފަތުރުވެރިން ހަދަމުންނެވެ.

އިޓަލީގެ ފުލުހުންގެ ޗީފް އަލެސަންދްރޯ ޕަންސާ ވިދާޅުވީ މިއީ ކުށް މަދުކުރުމަށްޓަކައި އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.