09 May 2016, 14:55
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޓާމިނަލްގައި މިއަދު ފެންބޮޑުވި ކަމަށާއި ނަމަވެސް މިހާރު އެކަން ހައްލުކުރެވިއްޖެ ކަމަށް އައިއެންއައިއޭއިން ބުނެފި އެވެ.
މިއަދު މެންދުރުން ފެށިގެން ކުރަމުން އަންނަ ވިއްސާރައާއެކު އައިއެންއައިއޭގެ ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ޓާމިނަލަށް ވަންނަ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ފެންބޮޑުވާން ދިމާވީ ވަޅުލާފައިވާ ހޮޅިއަކުން ފެން ލީކުވެ، ފެން މައްޗަށް އެރުމުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް މިއަދު ވިދާޅުވީ ފެން ބޮޑުވެފައި ވަނީ ލޯވަޅަކުން ފެން ލީކްވުމުން ކަމަށާއި އެކަން ހައްލުކޮށްފައިވާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އައިއެންއައިއޭގައި ފެން ބޮޑުވެފައިވާއިރު އެއެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.