09 May 2016, 14:53
ފޯޓް މެކްމަރޭ (މޭ 9): ކެނެޑާގެ އަލިފާން ރޯވެފައިވާ އަލްބާޓާ ޕްރޮވިންސުގެ ފޯޓް މެކްމަރޭގެ 20 ޕަސެންޓު އަނދާ ހުލިވެފައިވާ ކަމަށް ފޯޓް މެކްމަރޭގެ މަޖިލިސް މެމްބަރު، ޑޭވިޑް ޔުރުޑިގާ ވިދާޅުވެއްޖެ އެވެ.
އަލިފާނުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު ޔުރުޑިގާ ވިދާޅުވީ ފޯޓް މެކްމަރޭ އާއްމު ހާލަތަށް ރުޖޫއަ ވާން އަހަރުތަކެއް ނެގުން އެކަށީގެންވާ ކަމަށެވެ.
"ލަފާކުރެވޭ ގޮތުގައި 20 ޕަސެންޓު ގެތައް ވަނީ އަނދާފައި، ނަމަވެސް ގިނަ ގެތަކަށް އެއްވެސް ގެއްލުމެއް ނުވޭ،" ޔުރުދިގާ ވިދާޅުވި އެވެ.
އާދިއްތަ ދުވަހު ފޯޓް މެކްމަރޭގެ ޖަންގައްޔެއްގައި ރޯވާން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވެ އެވެ. އެ އަލިފާންގަނޑުގެ ސަބަބުން ފޯޓް މެކްމަރޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ދިޔުމަށް އޮފިޝަލުން ވަނީ އަންގައިފަ އެވެ.
އަލިފާންގަނޑުގެ ސަބަބުން މީހަކު މަރުވެފައި ނުވި ނަމަވެސް ސަލާމަތީ ސަރަހައްދުތަކަށް ދަތުރު ކުރި މަގުމަތީގައި ހިނގި އެކްސިޑެންޓުތަކެއްގައި ދެ މީހަކު މަރުވެފައިވެ އެވެ.
އަލްބާޓާގެ ވައިލްޑްފަޔާ މެނޭޖްމެންޓުން ވަނީ އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައިވާ ކަމަށާއި ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވޭނީ އެސަރަހައްދަށް އެކަށީގެންވާ މިންވަރަށް ވާރޭ ވެހުމުން ކަމަށް ބުނެފަ އެވެ. އަދި އަލްބާޓާ ޕްރޮވިންސުގެ ކައިރީގައި އޮންނަ ސަސްކެޗުވާން ޕްރޮވިންސަށް ވެސް އަލިފާންގަނޑު ފެތުރުމުގެ ނުރައްކާ ކޮންމެވެސް ވަރަކަށް އޮތް ކަމަށް ވައިލްޑްފަޔާ މެނޭޖްމެންޓުން ބުންޏެވެ.
ފޯޓް މެކްމަރޭ އަކީ ކެނެޑާގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ސަރަހައްދެވެ. ނަމަވެސް، އެސަރަހައްދުގައި އަލިފާންގަނޑު ފެތުރެމުން ދިޔުމުގެ ސަބަބުން ފޯޓް މެކްމަރޭގައިވާ ތެޔޮ ކުންފުނިތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އޭގެ ސަބަބުން ކެނެޑާގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު ވަނީ ހީވެފަ އެވެ. (ބީބީސީ)