09 May 2016, 14:36
ސައުދީ އެރެބިޔާގެ ސަރުކާރުން ރާއްޖެ އަށްދޭ ހައްޖު ކޯޓާގެ އަދަދު 2000 އަށް އިތުރުކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައޫދުގެ ހިލޭ އެހީގެ ދަށުން ލ. މާވަށުގައި ބިނާކުރި މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު މިއަދު މާވަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިތުރު 1000 ހައްޖު ކޯޓާ ސައުދީ ސަރުކާރުން ރާއްޖެ އަށް އިތުރުކޮށްދިނީ ރާއްޖެ އާއި ސައުދީ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.
ސައުދީ ސަރުކާރުން ރާއްޖެ އަށް އާންމުކޮށްދެނީ އަހަރަކު 1000 މީހުން ހައްޖަށް ދިއުމުގެ ކޯޓާ އެވެ. ނަމަވެސް އެ އަދަދަކީ ރާއްޖެ އިން ކޮންމެ އަހަރަކު ހައްޖަށް ދިއުމަށް އެދޭ ނިސްބަތާ އަޅާ ބަލާއިރު ދެކޮޅު ޖެހޭ އަދަދެއް ނޫނެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާ އިރު ހައްޖު ކޯޓާ އިތުރުކޮށްދިނުމުގައި ޚާއްސަ ގޮތްތަކެއް ގެންގުޅެދިނުމަށް ސަރުކާރުން ސައުދީ ރަސްގެފާނު ކިބައިން އެދުނު ކަމަށެވެ.
ސަރުކާރުން އެދުނު ގޮތަށް ހައްޖު ކޯޓާ އިތުރުކޮށްދެއްވާފައި ވާތީ ރައީސް ޔާމީން ވަނީ ސައުދީ ރަސްގެފާނަށް ޝުކުރު ދަންނަވައިފަ އެވެ.
މާވަށުގައި ބޭއްވި ރަސްމިއްޔާތުގައި ސައުދީ އަރަބިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.