އެކްޝަން ހީރޯ އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ޓައިގާ ޝްރޯފް، މިއުޒިކަލް އެއް ކުޅެން ބޭނުން ކަމަށް ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި 26 އަހަރުގެ ޓައިގާ ބުނީ ނެށުމާއި މިއުޒިކަށް ވަރަށް ލޯބި ކުރާ ކަމަށާއި އެހެންކަމުން މިއުޒިކަލް އެއް ކުޅެން ބޭނުން ކަމަށެވެ.

"އަހަރެން މިހާރު ބޭނުމީ މިއުޒިކަލް އެއްގައި ހަރަކާތްތެރިވާން. އަހަރެން ބޭނުންވަނީ ހައި ސްކޫލް މިއުޒިކަލް ނޫނީ ގްރީސް ކަހަލަ ފިލްމެއް ކުޅެން. އަހަރެން ވަރަށް ލޯބިވޭ މިއުޒިކް ދެކެ. އަދި ނެށުމަށްވެސް ވަރަށް ލޯބިކުރާ މީހެއް އަހަންނަކީ. މިއުޒިކް ނެތިއްޔާ ކިހިނެތް އަހަރެން ނަށާނީ،" ޓައިގާ ބުނެފައިވެ އެވެ.

ޓައިގާ ބޮލީވުޑަށް ނުކުތީ 2014 ވަނަ އަހަރު ރުލީޒްކުރި ފިލްމު "ހީރޯޕަންތީ" އިންނެވެ. އެއަށްފަހު ދެން ޓައިގާ ފެނިގެން ދިޔައީ ޝްރައްދާ ކަޕޫރާއި އެކު މި މަހު ރިލީޒް ކުރި އެކްޝަން ފިލްމު "ބާޣީ" އިންނެވެ. ބާޣީ ގައި ޓައިގާގެ ގިނަ އެކްޝަން ސީންތަކެއް ފެނިގެން ދާއިރު، އޭނާގެ ރޯލަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ޓައިގާ ބުނީ އޭނާގެ މަސައްކަތްތައް އެންމެންވެސް ބަލައިގަންނަ ކަމަށާއި ހާއްސަކޮށް އާއިލާއިން ލިބޭ ތަރުހީބު ފާހަގަކުރާ ކަމަށެވެ.

"ވަރަށް ގިނަ ރަނގަޅު ކޮމެންޓްތައް ލިބޭ ކުޅުނު ރޯލަށް. ވަކި މީހަކު ފާހަގަކުރަން ދަތި. އެކަމަކު ބައްޕަ އާއި އާއިލާ ވަރަށް ފަހުރުވެރިވޭ އަހަންނާ ދޭތެރޭ،" ޓައިގާ ބުންޏެވެ.