09 May 2016, 14:15
އެކަށީގެންވާ ވަރަށް ރައްކާތެރިިކަމުގެ ފިޔަވަޅުތައް ނާޅައި އަމީނީމަގުގައި ކޮނެފައިވާ ވަޅުގަނޑަކަށް ސައިކަލަކާއެކު މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
މިއަދު މެންދުރުން ފެށިގެން މާލެއަށް ކުރަމުން އަންނަ ވިއްސާރާގައި އަމީނީމަގުގައި ފެންބޮޑުވެ އެ މަގުގައި ވަޅެއް ކޮނެފައިވާކަން ނޭނގޭ ވަރަށް ވަނީ ފެންބޮޑުވެފަ އެވެ. އަމީނީމަގުގައި ފެންބޮޑުވުން ހައްލު ކުރުމަށް ހޮޅިއެއް ވަޅުލުމުގެ މަސައްކަތަށް ކޮނެފައިވާ އެ ވަޅުގަނޑަށް މީހަކު ވެއްޓުނީ ހަނި ގޮތަކަށް ދަތުރުކުރެވެން އޮތް މަގުން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ.
ދުއްވާ އެއްޗެއްސަށް މާލޭގެ މަގުތަކުގައި ވަޅުގަނޑުތައް ކޮންނަމުންދާ މައްސަލާގައި މިއަދު "ސަން"އިން ވަނީ ގެނެސްދީފަ އެވެ. ކަންބޮޑުވުންތައް އެ ރިޕޯޓުން ފެންމަތިކޮށްފައިވާނެ އެވެ.

އަމީނީމަގު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ފެށިގެން ސްޓެލްކޯ އާއި ހިސާބަށް ކޮނެފައިވާ އެ ވަޅުގަނޑު ހުރި ސަރަހައްދުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރާ އެމްއާރްޑީސީން ބައެއް ދިމަދިމާލުގައި ޓޭޕު އަޅައި ބޯޑު ބަހައްޓާފައިވެ އެވެ.
އެ ސަރަހައްދުން ސައިކަލުތައް ދެކޮޅަށް ދުއްވޭ ގޮތަށް ހަދާފައިވުމުން އެ ވަޅުގަނޑަށް މީހުން ވެއްޓުމުގެ ފުުރުސަތު ބޮޑެވެ.
މީގެ ކުރިން ވެސް އެއް ރޭ ދަންވަރު ވަނީ އެ ވަޅުގަނޑަށް ސައިކަލެއްގައިދިޔަ މީހަކު ވެއްޓިފަ އެވެ.

އަމީނީމަގު އިރުމަތީފަރާތު ސްޓެލްކޯ ކައިރީގައި ކޮނެފައިވާ ވަޅުގަނޑު: ރައްކާތެރިކަމުގެ ފިޔަވަޅު އެކަށީގެންވާ ވަރަށް ނާޅައި ހުއްޓައި އެ ވަޅުގަނޑަށް ސައިކަލަކާއެކު މީހަކު މިއަދު ވަނީ ވެއްޓިފައި-- ސަން ފޮޓޯ/ ޔޫސުފް ސަފްވާން ރަޝީދު
އެފަދަ ބޮޑުވަޅެއް އަމީނީމަގުގެ އިތުރުން ބޮޑުތަކުރުފާނުމަގުން "ފަތާ ޓުރެކް" ސަރަހައްދުގައި ވެސް ސަލާމަތީ ފިޔަވަޅެއް ނެތި ކޮނެފައިވެ އެވެ. މިއީ ވެސް ދުއްވާ އެއްޗެއްސަށް ނުކުރައްކާވެ، ގެއްލުންވެދާނެ ކަމެކެވެ.