09 May 2016, 13:31
ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން ލ. މާވަށުގައި އިމާރާތް ކުރި މަސްޖިދުލް ބިލާލް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުއްވައި ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި މިސްކިތް ހުުއްވައިދެއްވީ، މިއަދު ލ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މާވަށަށް ވަޑައިގެންނެވެ.
މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން، 5.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ބިނާކުރި މިސްކިތެކެވެ. ޒަމާނީ ފެންވަރަށް އިމާރާތް ކުރި އެ މިސްކިތުގައި އެއްފަހަރާ 500 މީހުން ނަމާދު ކުރެވޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، މަސްޖިދުލް ބިލާލް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2014 އޭޕްރިލް 10 ވަނަ ދުވަހު އެވެ. އަދި މިސްކިތުގެ އަމަލީ މަސައްކަތްތައް މިދިޔަ އަހަރުގެ ޖޫން 16 ވަނަ ދުވަހު ނިންމާލެވިފައިވެ އެވެ.