އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން 13.9 މިލިއަން ރުފިޔާ ވަގަށް ނަގަން އުޅުނު މައްސަލައެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ މުވައްޒަފަކާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެމްއޭސީއެލްގެ ކާގޯ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ގދ. ތިނަދޫ، ބްލެކްބާޑު ޝިއުތު މުހައްމަދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ވައްކަންކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ ގދ. ހޯނޑެއްދޫ ފެހިވިނަމާގޭ އަހްމީޒް ސައީދު ބުނެގެން ވައްކަން ކުރުމަށް މަގުފަހިވާނެ ކަންތައް އޭނާ ކޮށްދީފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ވަޒީފާގައި ހުރެ ގަވާއިދާ ޚިލާފަށް ޝިއުތު ކުރި ކަންތައްތައް

  • ޑިއުޓީގައި އުޅެމުން ކާގޯ ސާވިސްތެރެ ވީޑިއޯކޮށް އެ ވީޑިއޯ އަހްމީޒަށް ދެއްކުން
  • ކާގޯ ސާވިސްގެ އެތެރެ ހުންނާނެގޮތް ފޯނުން ޗާޓެއް ކުރެހުމަށްފަހު ސެކިއުރިޓީ އޮފިސަރުން ތިބޭތަންތަން ފާހަގަކޮށް އަހުމީޒަށް ދެއްކުން
  • ވެލިއުބަލް ލޮކަރު ހުންނަތަން އަހުމީޒަށް ދެއްކުން
  • އަތޮޅުތެރޭގެ ބޭންކުތަކަށް ފޮނުވުމަށްޓަކައި ބޭންކު އޮފް މޯލްޑިވްސް އިން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ފައިސާތައް އަޅާފައިވާ ފޮށިތަކުގެ ފޮޓޯ އަހުމީޒަށް ދެއްކުން
  • ކާގޯ ސާވިސްގެ އޮފީސްތެރޭގައި ހުންނަ ވެލިއުބަލް ލޮކަރާ ހަމައަށް ދިޔުމަށް ލ. މާބައިދޫ، ސަބުނަމްވިލާ، ހުސައިން ޝަހުބާނަށް އެހީތެރިވުން

އެ މައްސަލާގައި އަހުމީޒުގެ މައްޗަށް އުފުލާފައި ވަނީ ވައްކަންކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ. ޝަހުބާނުގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި ވައްކަންކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ޝަހުބާނުގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ 3:45 އެހައިކަންހާއިރު އެއާޕޯޓުގެ ކާގޯ ސާވިސް ތެރެއަށްވަދެ 13.9 މިލިއަން ރުފިޔާ ވަގަށް ނަގަން އުޅެފައިވާތީ އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ތިން މީހުން މިހާރު ތިބީ ގޭބަންދަށް ބަދަލުކޮށްފައެވެ.