ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުމުގެ ފުރުސަތު އަދި ވެސް އެބައޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ކުރިން ބުނެފައި ވަނީ މިއަދު އުދައެރުމަށް ހައްލެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އަދި ވެސް ބާނި ބޮޑުވުމުގެ ސަބަބުން ދިޔަވަރުބޮޑުވާ ގަޑިތަކުގައި އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ވައިގަދަވާތީވެ ތަންކޮޅެއް ބާނި އުސްކޮށް އުޅެނީ، ދިޔަވަރު ބޮޑުވާ ގަޑިޔާ ދިމާކޮށް އުދައެރުމުގެ ފުރުސަތު އެބައޮތް." ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް މުޅި ރާއްޖެއަށް އުދައިގެ އަސަރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ އިތުރުން ނ. ވެލިދޫ އާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަރަށްފަހުން ވަނީ އުދައިގެ އަސަރުކޮށްފަ އެވެ. ނަމަވެސް މާކަބޮޑު ގެއްލުމެއްނުވެ އެވެ.