އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް، ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ބައެއް ފަރާތްތަކުން ވިއްކަމުންދާތީ އެ ފަރާތްތައް 100،000ރ. އިން ޖޫރިމަނާކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނަނީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ އާދައިގެ ހަނޑުލާއި އާދައިގެ ގޮދަން ފުށާއި ހަކުރު ވިއްކަން ވާނީ އެ މިނިސްޓްރީން ޑިސެމްބަރު 8، 2005ގައި ކަނޑައަޅައިފައިވާ އަގުތަކުގައި ކަމަށެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކަމުންދިއުމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެއީ މަނާކަމެއް ކަން އަންގައި އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނަނީ، "ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކައިފި ނަމަ އެ ފަރާތެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ" ކަމަށެވެ.

އެ އިއުލާނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގުތައް ވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.