ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ދެބައިވުން ފާހަގަ ކުރުމަށް މި މަހުގެ 17 ވަނަ ދުވަހު، ދެ ޖިންސުގެ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ހާއްސަ ކުޅިވަރު ފެސްޓިވަލެއް ކުރިއަށް ގެންދަން އެމަނިކުފަނުގެ ކެމްޕޭނު އޮފީހުން ނިންމައިފި އެވެ.

ތަފާތު ގިނަ ކުޅިވަރުތަކަކާ އެކު ކުރިއަށް ގެންދަން ރާވާފައިވާ އެ ފެސްޓިވަލަށް ދީފައިވާ ނަމަކީ "ފަހި 913" އެވެ.

އެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ މެއި މަހުގެ 17 ވަނަ ދުވަހަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަށް 913 ދުވަސް ފުރޭ ދުވަސް ކަމަށެވެ.

"މި ކުޅިވަރު ފެސްޓިވަލަކީ ދައުރު މެދާ ހަމައަށް އައި އިރު ސަރުކާރުން މި ކުރެވުނު ކާމިޔާބީ ފާހަގަ ކުރުން. ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކާއި އެކީގައި އެއް ތަނަކުން އެއް މާހައުލަކުން،" މުއާޒު ވިދާޅުވި އެވެ.

ކުޅިވަރު ފެސްޓިވަލާ ގުޅޭ ގޮތުން މުއާޒް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފެސްޓިވަލް ކުރިއަށް ދާނީ ސްޓޭޑިއަމް ސަރަހައްދުގައި މެއި 17 ވާ އަންގާރަ ދުވަހުގެ ހަވީރު ހަތަރަކުން ފެށިގެން އެ ރޭ 10:30 އާ ހަމައަށެވެ.

އެ ކުޅިވަރު ފެސްޓިވަލުގައި ބައިބަލާ މުބާރާތަކާއި، ބަށި މުބާރާތަކާއި، ފުޓްސަލް މުބާރަތެއްގެ އިތުރުން ބާސްކެޓް ބޯޅަ އަދި ހޭންޑްބޯލް މުބާރާތެއް ކުރިއަށް ދާނެ އެވެ. އެ މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި މި ހަފްތާގެ ތެރޭގައި ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

ފެސްޓިވަލުގައި ކުރިއަށްދާ މުބާރާތްތަކުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލައިފައެއް ނުވެ އެވެ. ޓީމުތަކުން ފެސްޓިވަލުގައި ބައިވެރިވެފައި ވަނީ އެސޯސިއޭޝަންތައް މެދުވެރިކޮށެވެ.

ކުޅިވަރު ފެސްޓިވަލުގައި ހެޔޮ އެދޭ ފަރާތްތަކުން އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ަމަށް މުއާޒު ވިދާޅުވި ނަމަވެސް، އިނާމުތަކާ ގުޅޭ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

ކުޅިވަރު ފެސްޓިވަލާ ގުޅޭ ގޮތުން މުއާޒް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ހަމައެއާއެކު ފެސްޓިވަލުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ޒުމްބާ ހަރަކާތެއްވެސް އެ ސަރަހައްދުގައި ކުރިއަށް ދާނެ އެވެ.

ހާއްސަ ސްޓޯލްތަކަކާއި އެކު ކުރިއަށް ގެންދާ އެ ފެސްޓިވަލުގައި މޯލްޑިވިއަން އައިޑޮލްގެ ބައެއް ބައިވެރިންނާއެކު ހާއްސަ ޝޯއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

މުއާޒު ވިދާޅުވީ އެ ފެސްޓިވަލަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެއީ ގައުމީ ކަމެއް ކަމަށެވެ. އެގޮތުން ފެސްޓިވަލުގައި ބޭނުން ކުރާނީ ފެއްސާއި ރަތާއި ހުދު ކަމަށާއި، އިތުރު ކުލައެއް ފެސްޓިވަލު ތެރެއިން ނުފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.