09 May 2016, 15:28
ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށުގައި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.
ނަޖީބު މަރާލި މައްސަލައިގައި ހަނާ މެރުމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ 2012 ޖުލައި 19 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ހަނާ މަރަން ކުރި ހުކުމަށް މައްސަލަ ބެލި ފަސް ފަނޑިޔާރުން އިއްތިފާގުވާ ކަމަށް ހުކުމް އިއްވަމުން އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި އެވެ.
ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަން އިއްވަމުން ފަނޑިޔާރު ސަމީރު ވިދާޅުވީ ނަޖީބުގެ މަރުގެ މައްސަލާގައި ދަށު ކޯޓުން ޝަރީއަތް ހިންގި ޝަރީއަތުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަކޮށްފައިވާ ކަން އެނގެން އޮންނަ ކަމަށެވެ. އެގޮތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވޭތޯ އެހުމަށްފަހު ބޭނުން ނޫން ކަމަށް ހަނާ ބުނެފައިވާ ކަމަށާއި މައްސަލައާގެން ކުރިއަށް ދާން ބޭނުންވަނީ އެކަނިކަމަށް ބުނެފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ފުލުހުންނަށް ހަނާ ދީފައިވާ ބަޔާނުގައި، ނަޖީބު އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަން އެނގިގެން ނަޖީބު ދިރިއުޅޭ ގެއަށް ގޮސް އޭނާއަށް ބިރުދައްކައި ފައިސާހޯދުމަށް ނަޖީބު މަރާލުމުގެ މަހެއްހާ ދުވަސްކުރިން މަސައްކަތްކުރި ކަމަށް ބުނެފައިވާ ކަމަށްވެސް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ނިންމައި ހަނާ އާއި މުއްރަތު ދިރިއުޅޭ މަސްރޫރާ ގެއަށް މައްސަލައަކާ ގުޅިގެން ގާނޫނީވަކީލެއްގެ އެހީތެރިކަން ބޭނުންވެގެން ގެނައުމަށް ރޭވި ކަމަށް ވެސް ފުލުހުންނަށް ހަނާ ދީފައިވާ ބަޔާނުގައި ވާ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.
ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހަނާ ބުނެފައިވާ ކަމަށާއި ޝަރީއަތުގެ މަޖިލީހެއްގައި ވެވޭ އިއުތިރާފަކީ އެ ކުށެއް ކުރި ކަމަށް ވެވޭ އިއުތިރާފެއް ކަމަށް ވެސް ހުކުމް އިއްވަމުން ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ފުލުހުންނަށް ބަޔާންދެވުނީ ހާސްކަމެއްގައި ހުރެގެން ކަމަށް، ހައިކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ހަނާ ބުނި ނަމަވެސް އެއީ މަޖުބޫރީ ހާލަތެއްގައި ދިން ބަޔާނެއްކަމަށް ބެލެވެން ނެތް ކަމަށެވެ.
ނަޖީބު މަރާލުމަށް ހިނގާދިޔަ ކަންކަމުގައި ބައިވެރިވި ނަމަވެސް ނަޖީބު މަރާނުލަން ކަމަށް ބުނެ ހަނާގެ ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން ޖުމްހޫރު އިލްމުވެރިންނާ ހަވާލާދެއްވައި ފަނޑިޔާރު ސަމީރު ވިދާޅުވީ ގިނަ ބައެއްގެ ބައިވެރިވުން އޮވެ މީހަކު މަރުވީ ވަކިމީހެއްގެ އަމަލަކުން ކަމަށްވިޔަސް އެ ހާލަތުގައި ބައިވެރިވި އެންމެނަށް މަރުގެ އަދަބުދެވޭނެ ކަމަށެވެ.
ނަޖީބު މަރާލުމުގެ ނިޔަތް ހަނާގެ އޮތްކަން ސާބިތުވާކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ ނަޖީބު މަޝްރޫރާގެއަށް ގޮސްފައި ވަނީ ހަނާ ފޯނުން ގުޅައި އެގެއަށް ދިއުމަށް ބުނުމުން ކަމަށާއި އޭގެ ފަހުން ނަޖީބު މަރާލުމަށް ހިންގި ފުރަތަމަ އަމަލުކަމުގައިވާ ނަޖީބުގެ އަނގައަށް ފޮތިގަނޑެއް ލައްވައި ޓޭޕު އެޅުމުގެ ކަންކަމުގައި ހަނާ ފުރިހަމައަށް ބައިވެރިވެފައި ވާތީ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.
ނަޖީބު މަރުވުމަށްފަހު ޑަސްބިނަށްލައި ހަށިގަނޑު ފޮރިވުމަށް ފުރިހަމައަށް ބައިވެރިވެފައިވާ ކަމަށް ވެސް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.
ލޭ ހުއްދަކުރެވިފައިނުވާ އިންސާނެއް މަރާލުމުގެ ގަސްތު ހަނާގެ އޮތްކަން ސާބިތުވާ ކަމަށް ސަމީރު ވިދާޅުވި އެވެ. ނަޖީބު މަރާލުމުގެ "ޒިންމާ މުއްރަތެކޭ އެއްގޮތަށް ހަނާވެސް ނަގަން ޖެހޭނެ" ކަަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
ހަނާގެ އިސްތިއުނާފު މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހެއްޓަ ވަނީ ފަނޑިޔާރު އަލީ ސަމީރެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުޖާއު އުސްމާނު އާއި ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމެވެ.