ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުން ގެންދާ ވިއްސާރާގައި މިއަދު ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

ނަމަވެސް ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހެމުން އަންނަ އިރު، މެޓުން ވަނީ އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ވައިޓު އެލާޓު ވެސް ނެރެފަ އެވެ. ވައިޓު އެލާޓަކީ މޫސުމަށް ސަމާލުވުމަށް އަންގާ ނެރޭ އެލާޓެކެވެ. ވައިޓް އެލާޓު ނެރެފައިވާ ނަމަ ދަތުރު ކުރަން ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދަން ވާނެ އެވެ.

މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްތަކަށް އަންނަނީ އުދަ އަރަމުންނެވެ.