ރޭޕް އަދި ޖިންސީ މައްސަލަތަކެއްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އިސްރާއީލުގެ ކުރީގެ ރައީސް މޯޝޭވް ކެޓްސޭވް، މައާފު ކޮށްދިނުމަށް މިހާރުގެ ރައީސް ރޫވިން ރިވްލިންގެ އަރިހުން އެދިއްޖެ އެވެ.

ރޫވިން ރިވްލިންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުރީގެ ރައީސް ކެޓްސޭވް އަށް މާފު ދެއްވުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު އެ އެފީހަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ.

"މާފު ދެއްވުމަށް އެދި އެދޭ ކޮންމެ އެދުމަކަށް އަމަލުކުރާ އުސޫލުގެ ދަށުން ރައީސް ލީގަލް ޑިޕާޓްމަންޓަށް އެ މައްސަލަ ވަނީ ފޮނުވާފައި،" ރޫވިން ރިވްލިންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރޭޕްގެ ދެ މައްސަލައަކާއި ޖިންސީ ފުރައްސާރަ އަދި ޖިންސީ ގޮތުން ނޭދެވޭ އަމަލުތަކެއް ހިންގި ކަމުގެ ކުށް ސާބިތުވެ ހަތް އަހަރަށް ކަޓްސޭވް ޖަލަށްލާފައި ވަނީ 2011 ވަނަ އަހަރު އެވެ. އަދި އޭނާއަކީ ޖަލަށްލި އިސްރާއީލުގެ ފުރަތަމަ ރައީސް އެވެ.

މާފު ދެއްވުމަށް ކަޓްސޭވްގެ ފަރާތުން އެދިފައިވާ އިރު، ޖަލު ހުކުމް ކުރުކޮށް އަވަހަށް މިނިވަންކޮށްދިނުމަށް އެދި މިދިޔަ މަހުގެ ތެރޭގައި ވެސް އޭނާ ވަނީ ސިޓީއެއް ހުށަހަޅައިފަ އެވެ.

ނަމަވެސް ރޭޕްކޮށް ޖިންސީ ފުރައްސާރަކޮށްފައިވާ މީހުންނާމެދު ކުރެވުނު އަމަލުތަކަށް ދެރަވެ، ހަމްދަރުދީ ފާޅުކޮށްފައިނުވާތީ ކަމަށް ބުނެ އިސްރާއީލުގެ ޕެރޯލް ބޯޑުން ވަނީ އޭނާ މިނިވަންކުރުމަށް ދެކޮޅު ހަދައިފަ އެވެ.

އިސްރާއީލުގެ ރައީސް ކަމާ ކަޓްސޭވް ހަވާލުވެފައި ވަނީ 2000 ވަނަ އަހަރު އެވެ. އަދި ރޭޕް އަދި ޖިންސީ ފުރައްސާރަތަކެއްގެ ތުހުމަތުތަކެއްގައި އޭނާ 2007 ވަނަ އަހަރު އަމިއްލައަށް އިސްތިއުފާ ދިނެވެ.