އެކަމަނާއަކީ މައްކާގެ އެންމެ ނުފޫޒުހުރި އެއްރައީސެއްގެ ދަރިކަނބަލުންނެވެ. އެކަމަނާއަކީ އިސްލާމްދީނަށްޓަކައި ރައީސެއްގެ ގަނޑުވަރު ދޫކޮށްލައްވައި ބީރައްޓެހި ކަރައެއްގައި ތުއްޕުޅު ދަރިކަނބަލަކު ގޮވައިގެން ނުހަނު ދަތިޙާލުކޮޅުގައި ގަނަތެޅިވަޑައިގެންނެވި ބޭކަނބަލެކެވެ. އިސްލާމްދީނަށް އިޚްލާޞްތެރި ވެވަޑައިގަތުމުގެ ގޮތުން އާދަޔާ ޚިލާފު ބުރަތަކެއް އުފުއްލެވި ބޭކަނބަލެކެވެ. އިސްލާމީ ދަޢުވަތުގެ އެންމެ ކުރީކޮޅުގައި އެ ދަޢުވަތަށް ލައްބައިކައޭ ވިދާޅުވެ ޖަވާބުދެއްވިالسّابقون الأوّلونގެ މުޤައްދަސް ޖަމާޢަތުގައި ހިމެނިވަޑައިގަތުމުގެ ޝަރަފު ހޯއްދަވައިފައިވާ ބޭކަނބަލެކެވެ.

+ + + + + +

ނަންފުޅާއި ނަސަބުފުޅު

އެކަމަނާގެ ފުރިހަމަ ނަންފުޅަކީرملة بنت أبى سفيانއެވެ. އެކަމަނާގެ ބައްޕާފުޅުأبو سفيان بن حربއަކީ މައްކާގެ ބޮޑުންކުރެ އެންމެ ނުފޫޒުހުރި އެއްރައީސެވެ. އެންމެ ބަސްވިކޭ އެއްވެރިޔެކެވެ. ޤުރައިޝުންގެ ޢަސްކަރީ ދިދަ "ޢިޤާބު" ހުންނަނީ އޭނާގެ ގޭގައެވެ. ޤުރައިޝުވަންހައިގެ ޤާފިލާތަކަށް ވެރީންލައްވަނީ އޭނާއެވެ. މައްކާގެ ދިފާޢީ ނިޒާމު އޮންނަނީ އޭނާގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. ބަނޫ އުމައްޔަތުގެ އެންމެ އިސް އެއް ރައީސެއްގެ ޙައިޘިއްޔަތުންނެވެ. ޤުރައިޝުންނަކީ މައްކާގެ ވެރީންނެވެ. ޤުރައިޝުވަންހައިގެ ކޮންމެ ދަރިކޮޅަކީވެސް ޤަދަރާއި މާތްކަން ލިބިގެންވާ ދަރިކޮޅެކެވެ. ނަމަވެސް އޭގެތެރެއިން ޝަރަފާއި މާތްކަމުގައި އެންމެ އިސް ދެވަންހައަކީهاشمވަންހައާއިأميّةވަންހައެވެ. އެދެވަންހަ ގުޅެނީعبد مناف بن قصىއާ ހަމައިންނެވެ. އެދެވަންހައިގެ ތެރެއިން ޝަރަފާއި މާތްކަންބޮޑީهاشمވަންހައެވެ.هاشمވަންހައަކީ ޤުރައިޝުންގެ ދީނީ ވެރީންނެވެ. ގެފުޅު ބެލެހެއްޓުމުގެ ވެރީންނަކީهاشمވަންހައިގެ ބޭކަލުންނެވެ. ޙައްޖާޖީންނަށް ފެންދެއްވުމުގެ ވެރީންނަކީވެސް އެބޭކަލުންނެވެ. ދެވަނަޔަށް އެންމެ ޤަދަރުހުރި ވަންހަޔަކީ އުމައްޔަތުވަންހައެވެ. އެވަންހައިގެ މަސްއޫލިއްޔަތު އެވަނީ މަތީގައި ބަޔާންކުރެވިފައެވެ.

أبو سفيانގެ ޢާއިލީ މަސައްކަތްޕުޅަކީ ވިޔަފާރިއެވެ. ނަމަވެސް ހަނގުރާމައާއި ތަޅާފޮޅުމުގެ ވަގުތުތަކުގައި ޤުރައިޝުން ޤަބޫލުކުރަނީ އޭނާގެ ވެރިކަމެވެ. ހަނގުރާމަތައް ހިންގަނީ އޭނާގެ މަޝްވަރާއާއި ނިންމެވުންތަކުގެ މަތީންނެވެ. އޭނާއަކީ ހައިބަތާއި ޤަދަރުހުރި ވެރިޔެކެވެ. ވެރިކަމަށް ނުހަނު ފާޑުވެރި ބޭކަލެކެވެ. ހަނގުރާމައިގެ ވަގުތު އޭނާގެ ޢަސްކަރީ ފަރާސަތުން ނަޞްރު ހޯއްދެވުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރެއެވެ.

أبو سفيانގެ އެއްއަނބިކަނބަލަކީ އޭނާގެ ބޮޑުބޭބެއެއްގެ ދަރިކަނބަލެއްކަމުގައިވާصفيّة بنت أبو العاص بن أميّةއެވެ. އެކަމަނާއަކީأميرالمؤمنين عثمان بن عفّان رضى اللّـه عنــهގެ ބޮޑުދައިތާފުޅެވެ. އެދެކަނބަލުންނަށް ހަނދެއްފަދަ ރީތި ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަނބަލުން ރައްކާވީ ނަބީކަމުގެ ސަތާރައަހަރު ކުރީން މާތްވެގެންވާ މައްކާގައެވެ. އެދެކަނބަލުން، އެދަރިކަނބަލުންނަށް ދެއްވި ނަންފުޅަކީرملةއެވެ.أبو سفيانގެ ގެއަކީ ފައިސާ ތަދުމަގު ގެއެއްނޫނެވެ. އެހެންކަމުންالسّيّدة رملةބޮޑުފުޅުވީ ނިޢުމަތާއި އަރާމުގައެވެ. ވެރިކަމުގެ ހައިބަތާއި ޝަރަފުވެރިކަމުގައެވެ. އެކަމަނާއަކީ ރައީސެއްގެ ދަރިކަނބަލެކެވެ. ވެރިކަމުގެ ބާރާއި، މުއްސަނދިފުޅުކަމާއި، ދަގަތްފާނުފަދަ ދަމާބާރު ލިބިވަޑައިގެން ހުންނެވި ރައީސެއްގެ ދަރިކަނބަލެކެވެ.

ވަގުތުގެ މޯޅި ގަހަކަށްވާކަށެއް މާގިނަދުވަހެއްނުވިއެވެ.السّيّدة رملةރައްކާވުމުގެ ސަބަބުން ޢާއިލާއަށް ލިބުނު އުފާވެރިކަން ތާޒާކަންމަތީ އޮއްވައި އެކަމަނާ ޒުވާންކަމުގެ އޮޅި ގިރާކުރައްވައިފިއެވެ. ފިރިފުރާވަރަށް އަރާވަޑައިގެންފިއެވެ. އެކަމަނާގެ ކާވެނިފުޅަށް އެދުމުގެ ހުށަހެޅުންތައް އޮހޭންފަށައިފިއެވެ.

އެންމެފުރަތަމަ ކާވެނިފުޅު

ޒަމާނުގެ އާދަކާދަޔާއި ނަސްލީ ތަޢައްޞުބާއި ކުފޫހަމަވުމުގެ މިންގަނޑުތައް އޮންނަގޮތުންأبو سفيانފަދަ ޒަޢީމެއްގެ ދަރިކަނބަލެއްގެ ކާވެނިފުޅަށް އެދެންކެރޭނީވެސް ނަސަބާއި ހަސަބުން އަރާހުރި ކުފޫހަމަވާ ޒުވާނަކަށެވެ.السّيّدة رملةގެ ކާވެނިފުޅަށްއެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިންأبو سفيانގެ ފުރޭނުއްވުމުން ހޮވުނީعبيد اللّـه بن جحشއެވެ. އޭނާއަކީ މުޟަރުވަންހައިގެ ޢިއްޒަތްތެރި ގޮތްޕެއްކަމުގައިވާأسد بن خزيمةވަންހައިގެجحش بن رئابގެ ދަރިކަލެކެވެ. އޭނާގެ މައިކަނބަލަކީ ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުދައިތާފުޅުأميمة بنت عبدالمطّلبއެވެ. އެހެންކަމުންعبيد اللّـه بن جحشއާއިالسّيّدة رملةގެ ކާވެނިފުޅު ވަރަށް ދާމުދޫމުގައި ކުރެވިއްޖެއެވެ. އެދެކަނބަލުން އާގެއެއްގައި އުފާއުފަލުން ދިރިއުޅުއްވާން ފައްޓަވައިފިއެވެ.

عبيد اللّـه بن جحشއަކީ މައްކާއިން އެންމެފުރަތަމަ ބުދަށް އަޅުކަންކުރުމާ ދެކޮޅުހެދި ހަތަރު މީހުންކުރެ އެކެކެވެ. އެހަތަރު މީހުންނަކީ ވަރަށްގާތް ހަތަރު ރަޙްމަތްތެރީންނެވެ. އެ ހަތަރު މީހުންނަކީورقة بن نوفلއާއި،عثمان بن حويرثއާއި،زيدبن عمروبن نفيلއާއި،عبيد اللّـه بن جحشއެވެ. އެދުވަސްވަރުعبيد اللّـهއަކީ ވަރަށް ޅަ ޒުވާނެކެވެ.

عبيد اللّـه بن جحشފިޔަވައި މި ޖަމާޢަތުގައި ހިމެނުނު އަނެއް ތިންމީހުންކުރެورقة بن نوفلއާއި،عثمان بن حويرثވަނީ ކްރިސްޓިއަންދީނަށް ވަދެފައެވެ. އެދީނުގެ ދަންނަބޭކަލުންގެ ސަފުގައި ހިމެނިފައެވެ.زيدبن عمروبن نفيلވަކި ދީނެއް ޚިޔާރެއް ނުކުރެއެވެ. ނަމަވެސް އޭނާ ބުދަށް އަޅުކަންކުރުމުން އެއްކިބާވިއެވެ. މުޅަތަކެތި ކެއުމާއި، ލޭބުއިމާއި ބުދުތަކަށް ޤުރްބާންކުރެވޭ ތަކެތި ކެއުން ހުއްޓައިލިއެވެ. "ކައުބާގެ ވެރިރަސްކަލާނގެ އިސްމުފުޅު" އަބަދުވެސް ނަންގަނެ އުޅުނެވެ.عبيد اللّـه بن جحشހޯދަމުން ގެންދިޔަކަމުގައި ބެލެވިފައިއޮތީإبراهيمގެފާނުގެ ދީނެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން އޭނާވެސް ހުރީ ނަޞާރާދީން ޤަބޫލުކޮށްގެންނެވެ.

އިސްލާމްވެވަޑައިގަތުން

އެދުވަސްވަރު މައްކާގައި ވަރަށްބޮޑުކަމެއް ފާޅުވިއެވެ. އެއީمحمّد بن عبد اللّـه صلّى اللّـه عليه وسلّمނަބީކަމަށް ދަޢުވާކުރެއްވުމެވެ. ބުދަށް އަޅުކަންކުރުމާ ފާޅުގައި ދެކޮޅުހެއްދެވުމެވެ. މައްކާގައިތިބި ހެޔޮކަމުގެ އަހުލުވެރީން މަޑުމަޑުން އެދަޢުވަތު ޤަބޫލުކުރައްވަމުން ގެންދެވިއެވެ. އަނެއްބަޔަކު ގަދަފައިވިއްދަމުންދިޔައީ އެކަލޭގެފާނު ގެންނެވި ހިދާޔަތުގެ އަލިކަން މައްކާގެ ޖައްވަށް ފެތުރުނަނުދިނުމަށެވެ. ކާބަފައިންގެ ޖާހިލިއްޔަތުގައި ކޮލުދަތުން ހިފަހައްޓައި އެގޮތް ކުރިއެރުވުމަށެވެ. އިސްލާމްވާ މީހުންނަށް ގަދަބަދަވިކަން ދައްކައި އަނިޔާކުރުމަށެވެ. ބާރުގެ ބޭނުންކޮށްގެންވެސް އިސްލާމްދީން ފެތުރުނަނުދިނުމަށެވެ. އެކަން މަނާކޮށް ހުއްޓުވުމަށެވެ. އިސްލާމްދީނާ ދެކޮޅަށް ނިކުތްމީހުންގެ ވެރީންކުރެ އެންމެއިސްއެކަކީأبو سفيانبن حربއެވެ.السّيّدة رملةގެ ބައްޕާފުޅެވެ.

ކުރީންވެސް ދެންނެވިފަދައިންأبوسفيانއަކީأميّةވަންހައިގެ ބޮޑެކެވެ. އަނެއްކޮޅުން އިސްލާމީ ދަޢުވަތާއިގެން ތެދުވެވަޑައިގެންނެވީمحمّد بن عبد اللّـهއެވެ.هاشمވަންހައިގެ ބޭކަލެކެވެ.هاشمވަންހައާއިأميّةވަންހައަކީعبد منافވަންހައިގެ ދެގޮތްޕެވެ. އެދެގޮފީގެ ދެމެދުގައި ރަޙްމަތްތެރިކަމާއި ގާތްތިމާގެ ގުޅުން ވަރަށްބޮޑަށް އޮތެވެ. ޚިޔާލު ތަފާތުވުންއޮތީ އެންމެ މައްސަލައެއްގައެވެ. އެއީ ވެރިކަމާއި ސިޔާދަތުގެ މައްސަލައެވެ.أميّةވަންހައިގެ ބޮޑުންގެ މައްސަލައަކީهاشمވަންހައިގެ މާތްކަމާއި ޝަރަފަށް ނުހަނު މަތީދަރަޖައިގެ ޝަރަފެއް އިތުރުވުމެވެ.

ނަމަވެސްأميّةވަންހައިގެ ޒުވާން ބޭކަލުންކުރެވެސް ބައެއް ބޭކަލުން އިސްލާމްދީން ޤަބޫލުކުރެއްވުމުގައި އިސްނެންގެވިއެވެ.عثمان بن عفّانއާއި،أبو حذيفةއާއި،خالد بن سعيد العاص (رضى اللّـه عنهم)ފަދަ ބޭކަލުންނެވެ. އެދުވަސްވަރު އިސްލާމްދީނުގެ އެންމެ ބޮޑެތި ދުޝްމިނުންގެ ތެރޭގައި އިސްކޮށް ހުންނެވިأبو سفيانގެ ވިސްނުންފުޅު ތޫނު، ބުއްދިފުޅު ތަނަވަސް، ނުހަނު ރީތި އަދި އެހާމެ ޚުލުޤުފުޅު ހެޔޮ ދަރިކަނބަލުންالسّيّدة رملةވެސް އިސްލާމްދީނަށް ވެދެވަޑައިގަތުމަށް އަވަސްވެވަޑައިގެންނެވިއެވެ.

السّيّدة رملةގެ ފިރިކަލުންعبيد اللّـه بن جحشވެސް އިސްލާމްދީން ޤަބޫލުކުރިއެވެ. އެއްގޮތެއްގައި އެއީ އޭނާގެ މަޖްބޫރީއެކޭ ދެންނެވޭނެ ޖާގަ އެބައޮތެވެ. އޭނާގެ ނިމިދިޔުން އައިގޮތުންނެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަކީ އޭނާގެ މާބެ (މައިފުށުގެ ބޮޑުބޭބޭފުޅުގެ) ދަރިކަލެކެވެ. އޭނާގެ އެއްބަނޑުއެއްބަފާ އަޚުންކަމުގައިވާعبد اللّـه بن جحشއާއި،أبو أحمد بن جحش (رضى اللّـه عنهم)އާއި، ތިން އުޚުތުންކަމުގައިވާزينب بنت جحشއާއި،حمنة بنت جحشއާއި،أمّ حبيبة بنت جحشއާއި އަނބިކަނބަލުންرملة بنت أبى سفيان (رضى اللّـه عنــهنّ)ވަނީ ތެދުހިތްޕުޅުން އިސްލާމްވެވަޑައިގެންފައެވެ.

السّيّدة رملة بنت أبى سفيان رضى اللّـه عنــهاއާއި އެނޫންވެސް އެހެނިހެން މުސްލިމުން އިސްލާމްދީނުން ބޭރުކުރެއްވޭތޯ އަނިޔާވެރިކަމުގެ ފޮއިދަށުލެއްވުމަކީ ކުރީންވެސް ދެންނެވިފަދައިންأبو سفيانއެންމެ ހީވާގިފުޅުކަމާއެކު ކުރައްވަމުންގެންދެވި މަސައްކަތްޕުޅެވެ. އިސްލާމްދީނަށް ހުރަސްއަޅުއްވަން އޭނާ ބޭނުންނުކުރައްވާ އެއްވެސް ހަތިޔާރެއްނެތެވެ. އޭނާ މުސްލިމުންނަށް ނުކުރައްވާ އެއްވެސްބާވަތެއްގެ އަނިޔާއެއްނެތެވެ. ނަމަވެސް މާތްاللّـهގެ ކުޅަދުންވަންތަކަމެވެ.أبو سفيانއަށް ޚުދު އޭނާގެ ގޭތެރެއިން އޭނާގެ ދަރިކަނބަލުންވެސް އިސްލާމްދީނުން ބޭރުކޮށެއް ނުލެއްވެވުނެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ ސުމާރެއްނެތްހައިގިނަ ދުނިޔަވީ ވަސީލަތްތަކާއެކުވެސްމެއެވެ.

(ނުނިމޭ)