10 May 2011, 12:25
އިސްކަންދަރު ސްކޫލްގެ ގޯލްޑަން ޖުބްލީ ފާހަގަ ކުރަން ސްކޫލްގެ ދެ ދަންފަޅީގެ ދަރިވަރުން ހިމަނައިގެން ބޮޑު އެސެމްބްލީއެއް މިއަދު ބާއްވައި އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފި އެވެ.
އިސްކަންދަރުގެ ގޯލްޑަން ޖުބްލީ އެސެމްބްލީގައި މީގެ 50 އަހަރު ކުރިން އިސްކަންދަރު ސްކޫލް ހުޅުވައިދެއްވި ކަރަންކާ އިބްރާހިމް ރަޝީދުގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ މިއަދު ހެނދުނު ބޭއްވި އެސެމްބްލީ އާ އެކު ރަންޔޫބިލްގެ ހަރަކާތްތައް ފެށިފައިވާ ކަމަށާއި ރަންޔޫބިލް އާ ގުޅުވައިގެން މިއަދު ހަވީރު ހިނގާލުމެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އިސްކަންދަރުގައި މިއަދު އޮތް އެސެމްބްލީގައި މިހާރުގެ ދަރިވަރުންގެ ތަފާތު ހަރަކާތްތަކާއި ބައެއް އިސް ދަރިވަރުންގެ ހަރަކާތްތައް ވެސް ދައްކާލި އެވެ. އެ ހަރަކާތްތަކުގައި އިސްކަންދަރު ސްކޫލްގެ އިސް ދަރިވަރެއްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން ރަންޔޫބިލަށް ހާއްސަ ކޮއިން އެއް ވަނީ ތައާރަފްކޮށް ދަރިވަރުންގެ ކުރެހުމުގެ މައުރަޒެއް ވެސް ވަނީ ބާއްވާފަ އެވެ.
އިސްކަންދަރު ސްކޫލްގެ ރަންޔޫބިލް އާ ގުޅުވައިގެން މި ހަފްތާގެ ތެރޭ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފަ އެވެ. އެގޮތުން ހުކުރު ދުވަހުގެރޭ ސަލްޓަންޕާކްގައި ކޮފީނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކޮފީ ނައިޓަކީ ސްކޫލްގެ ކަންކަމަށް ފައިސާ ހޯދަން ފަންޑްރައިޒް ކުރުމުގެ ނައިޓެއް ކަމަށް ސްކޫލުން ބުންޏެވެ.
އިސްކަންދަރަށް ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ހަނަދާނީ ލިޔުން ހަވާޅު ކުރުމުގެ ގޮތުން ޖަލްސާ އެއް ބާއްވަން ވެސް ވަނީ ހަމަޖައްސާފަ އެވެ. އެތާރީހު އަދި ބުނެފަ އެއް ނުވެއެވެ.