ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުމުގެ ސަބަބުން ޕެސިފިކުގެ ފަސް ރަށެއް ކަނޑުއަޑިއަށް ގޮސް، ގެއްލިފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.

ގެއްލިފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ފަރުމަތީގައި ގަސް ހެދިފައި އޮންނަ ސޮލޮމޮން އައިލެންޑުގެ ފަސް ރަށެކެވެ. ފަސް ހެކްޓަރުގެ ބޮޑުމިނުގެ އެ ރަށްތަކުގައި މީހުން ދިރިނޫޅުނު ނަމަވެސް، އެރަށްތައް ބޭނުން ކުރަނީ ސޮލޮމޮން އައިލެންޑުގެ މަސްވެރިންނެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ 1947 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް 33 ރަށެއްގެ އޭރިއަލް އަދި ސެޓަލައިޓް ފޮޓޯތައް ބަލާފަ އެވެ. އެ ނަތީޖާ އިން ދައްކާ ގޮތުން ވޭވް އެނާޖީ އިތުރު ހިސާބުތަކުގައި ހުންނަ ރަށްތައް ގިރާ ވަރު އިތުރެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ސޮލޮމޮން އައިލެންޑުގެ ހިމެނޭ އިތުރު ހަ ރަށެއް ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާއިރު، 2011 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު ސޮލޮމޮން އައިލެންޑުގެ 10 ގެއެއް މޫދަށް ދަމައިގަނެފައިވާ ކަމަށެވެ.

"އުތުރު ސޮލޮމޮން އައިލެންޑުގައި ހިމެނޭ ގާތްގަނޑަކަށް 11 ރަށެއް ވޭތުވެދިޔަ ގަރުނެއްގެ ތެރޭގައި އެއްކޮށް ގިރައިގެން ގޮސް ނުވަތަ ރަށް ގިރުމުގެ ބޮޑު މައްސަލައެއް ދަނީ ދިމާވަމުން،" އެންވާރަމަންޓް ރިސާޗް ލެޓާސް އިން ޝާއިރުކުރި ދިރާސާގެ ލިޔުންތެރިޔާ ބުނެފައިވެ އެވެ.

ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުގެ ސީނިއާ ރިޗާޗް ފެލޯ، ސައިމަން އެލްބާޓް ވިދާޅުވީ، ދުނިޔޭގެ އެހެން ސަރަހައްދުތަކަށްވުރެ ސޮލޮމޮން އައިލެންޑު ހިމެނޭ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ތިން ގުނަ އިތުރެވެ.

މައުލޫމާތު: ސުކައި ނިއުސް