09 May 2016, 11:05
ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަދުކޯން މިހާރު ހޮލީވުޑުގައި ފިޔަޖަހަމުން އަންނަ އިރު، ހޮލީވުޑަށް ނުކުތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް "ނީރްޖާ"ގެ ތަރި ސޯނަމް ކަޕޫރުވެސް ބުނެފި އެވެ.
ސޯނަމް ބުނީ ހޮލީވުޑުގެ ބައެއް ފިލްމުތަކުގެ އޮޑިޝަންތަކުގައި ވެސް މިހާރު ބައިވެރިވެފައިވާ ކަމަށާއި ނަމަވެސް ހިތްހަމަ ޖެހޭ ކަހަލަ ޕްރޮޖެކްޓެއް އަދި ނުލިބޭ ކަމަށެވެ.
"މަސައްކަތް ވެސް އެބަ ކުރަން، އޮޑިޝަން ވެސް އެބަ ދެން. އެކަމަކު އަދި ހޮލީވުޑަށް ނުކުންނަން އެންމެ ހިތްހަމަޖެހޭ ކަހަލަ ފިލްމަކާ ދިމާނުވޭ،" ސޯނަމް ބުނެފައިވެ އެވެ.
ސޯނަމް ވަނީ މިވަގުތު އަދި ބޮލީވުޑުގެ މަސައްކަތެއް ވެސް ލިބިފައި ނެތް ކަމަށް ބުނެފަ އެވެ.
އޭގެ އިތުރުން އޭނާ ވަނީ އަނިލް ކަޕޫރުގެ ދަރިއަކަށް ވުމާއި ބޮލީވުޑުގެ މަޝްހޫރު މޫނަކަށް ވުމުން ދިމާވާ ބައެއް ކަހަލަ ކަންތައްތަކާ ގުޅިގެން ވެސް ވާހަކަ ދައްކައިފަ އެވެ.
"އަހަންނަކީ އަނިލް ކަޕޫރުގެ ދަރިއަށް ވުމުގެ މާނައަކީ އަހަރެންގެ ހަރަދުތައް ކޮށްދެނީ ބައްޕައެކޭ ނޫން. އަނިލް ކަޕޫރުގެ ދަރިއަކަށް ވުމުން މީހުން ކުރާ އިހުތިރާމު ވަރަށް ބޮޑު. އެކަމަކު އަހަރެންގެ ހަރަދުތައް ކުރަނީ އަހަރެން. ބައްޕަގެ ދަރިއަކަށް ވީމައެއް ނޫން،" ސޯނަމް ބުންޏެވެ.
ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ މި އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ނީރްޖާ" އިންނެވެ.