09 May 2016, 10:35
ބެއިޖިން (މޭ 9): ޗައިނާގެ ފޫޖިއަން ޕްރޮވިންސުގެ ޓައިނިން ކައުންޓީގައި އިއްޔެ ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި އަށް މީހަކު މަރުވެފައިވާކަން ކަށަވަރުވެއްޖެ އެވެ.
ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ، ޒިންހުއާއިން ބުނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ވެއްޔާއި ގާ ފައިބާފައި ވަނީ ފެނުން ހަކަތަ އުފައްދާ ސްޓޭޝަނެއް އަޅަމުން ދިޔަ ސަރަހައްދަކަށް ކަމަށެވެ. އަދި ވެލިގަނޑުގެ ދަށުގައި 33 މަސައްކަތު މީހުން ތާށިވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ނޫހުގައިވެ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު، ޗައިނާގެ ރައީސް، ޝީ ޖިންޕިން ވަނީ ވެލިގަނޑުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދަން "ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަން" އަންގަވާފައި ކަމަށް ޒިންހުއާ ނިއުސް އޭޖެންސީން ބުންޏެވެ.
ބިންގަނޑު ކަނޑައިގެން ދިޔައީ ހޮނިހިރު ދުވަހުން ފެށިގެން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ. (އައިއޭއެންއެސް)