09 May 2016, 10:30
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން މެންޗެސްޓާ ސިޓީ އެއްވަރުވުމުން، މެންޗެސްޓާ ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދު އާވެއްޖެ އެވެ.
ސިޓީގެ އަމިއްލަ ދަނޑު، އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.
އެ ނަތީޖާއާއެކު ލީގުގެ ތިން ވަނައިގައި އޮތް އާސެނަލްއަށް 68 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ސިޓީއަށް ލިބިފައި ވަނީ 65 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ. އާސެނަލާއި ސިޓީއަށް ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ޔުނައިޓެޑަށް ލީގުގައި ބާކީ ދެ މެޗު އެބައޮތެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: އޭޕީ
ރޭ ކުޅުނު މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ލަނޑެއް ކާމިޔާބުކޮށްފައިވެ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ފެނާންޑޯ ދިން ބޯޅައަކުން ސިޓީއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ.
އޭގެ ދެ މިނެޓުފަހުން އާސެނަލްއިން ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. އާސެނަލްއަށް ލިބުނު ކޯނަރަކުން މުހައްމަދު އެލް ނެނީ ނަގައިދިން ހުރަހަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު އެ ޓީމުގެ ފްރާންސް ފޯވަޑް ޖިރޫ އުފާފާޅުކުރަނީ: އާސެނަލްއާއި ސިޓީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: އޭޕީ
މެޗުގެ 18 ވަނަ މިނެޓުގައި ސިޓީއަށް އަލުން ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ފެނާންޑޯ ދިން ބޯޅައަކުން އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަގުއެރޯ އުފެއްދި ހަމަލާ، ގެބްރިއެލް ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުފަހުން ސިޓީއިން ވަނީ ލަނޑެއްޖަހައި، އަލުން ލީޑު ހޯދައިފަ އެވެ. ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް، އާސެނަލްގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ހަމަލާއަކުންނެވެ.

ކެވިން ޑިބްރޭނާގެ ލަނޑަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ: ޕްރިމިއާ ލީގުގައި އާސެނަލްއާއި ސިޓީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: އޭޕީ
މެޗުގެ 68 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް އާސެނަލުން ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރި އެވެ. ޖިރޫ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށް ދިނީ އެލެކްސިސް ސަންޗޭޒެވެ. ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ސިޓީއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުން ޑިބްރޭނާ އުފެއްދި ހަމަލާ، ތަޖުރިބާކާރު ގޯލްކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފަ އެވެ. އޭގެ މާގިނައިރުތަކެއް ނުވެ، ސިޓީއަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑިބްރޭނާ ދިން ރީތި ބޯޅައަކުން އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާ، ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.