ހިފާފައިވާ ގުދްސު (މޭ 9): ފަލަސްތީނުގެ ހަމާސްޖަމާއަތާއެކު އިތުރު ކުރިމަތިލުމަކަށްދާން ގަސްދު ނުކުރާކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަތަނިޔާހޫ ވިދާޅުވީ އިސްރާއީލުން ހަމާސްއެކު އިތުރު ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާއި އަދި ޣައްޒާ އަށް އެއްގަމު މަގުން އަރަން ވެސް ބޭނުންނުވާ ކަމަށެވެ. ނަމަވެސް ޣައްޒާއަށް ހަތިޔާރާއި އަސްކަރީ ވަސީލަތްތައް އެތެރެކުރުމަށް ހަމާސް ޖަމާއަތުން ހަދާފައިވާ ބިންގަރާސްތައް ހަލާކުކޮށް އެތަކެތި ނައްތާލުމުގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވާނެ ކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ.

ޙަމާސާ ދެކޮޅަށް އިސްރާއީލުން ވަނީ ތިން ފަހަރެއްގެ މަތިން ޣައްޒާގައި ހަނގުރާމަކޮށްފަ އެވެ. މިއިން އެއްވެސް ހަނގުރާމައެއް އިސްރާއީލަށް ކާމިޔާބުވެފައެއް ނުވެ އެވެ. އަދި މަގްސަދު ވެސް ޙާސިލް ވެފައެއް ނުވެ އެވެ. އަދި ޙަމާސްގެ އާރާއި ބާރުވެސް ކުޑަކޮށްލުމުގައި އިސްރާއީލު ވަނީ ނާކާމިޔާބުވެފަ އެވެ. މީގެ އިތުރުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް އިސްރާއީލު ސިފައިން އެތަށް ފަހަރެއްގެމަތިން ކުރި މަސައްކަތް ވެސް ޙަމާސް ޖަމާއަތުން ވަނީ ނާކާމިޔާބުކޮށްލާފަ އެވެ.

ޣައްޒާއަކީ އިސްރާއީލުން ވައިގެ ހަމަލާތައް ދީ ބޮޑުބައެއް ތަޅައި ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ. އިސްރާއީލުން ޣައްޒާ ޙިސާރުކޮށް އެ ސަރަހައްދުގެ ރައްޔިތުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތާ 11 އަހަރުވެއްޖެ އެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އަސާސީތަކެތި ވެސް އެ ސަރަހައްދަށް އެތެރެ ކުރެވެނީ އިސްރާއީލުން ކުރިމަތިކުރާ ބޮޑެތި ދަތިތަކާއި ހުރަސްތަކާއެކުގަ އެވެ. ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ޣައްޒާއަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ސިމެންތި އާއި ކޮންސްޓްރަކްޝަން މެޓީރިއަލްފަދަ ބާވަތްތައް އެތެރެ ކުރެވެނީ އދ. ގެ އިސްރާއީލު ޚާއްސަ ހުއްދައަކާއެކު އދ. ގެ ބެލުމުގެ ދަށުން ކޮންމެ މަހަކު ވެސް ވަކި މިންވަރަކަށެވެ.

މީގެ އިތުރުން ޣައްޒާއަށް ވަދެނިކުމަށް ވެސް އިސްރާއީލުން ވަނީ ހުރަސްއަޅާފަ އެވެ. އަދި ޣައްޒާގެ މަސްވެރިން އެ ސަރަހައްދުގެ ކަނޑުން މަސް ބޭނުމަށް ވެސް އިސްރާއީލުން ވަނީ ހުރަސް އަޅައި ކަނޑު ވެސް ޙިސާރުކޮށްފަ އެވެ. އިސްރާއީލުގެ ސިފައިން ދާދި ފަހުން ވަނީ ޣައްޒާއަށް ހަރުމުދަލާއި އެނޫން ވެސް ތަކެތި އެތެރެ ކުރުމަށް ހަމާސްއިން ބިމު އަޑީގައި ހަދާފައިވާ ބިންގަރާހެއް ހަލާކުކޮށްލާފަ އެވެ.

މީގެ އިތުރުން ވެސް މިފަދަ ބިންގަރާސްތައް ހޯދުމަށް އިސްރާއީލުގެ ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޙަމާސްއިން އަލަށް ބިނާކޮށްފައިވާ ބިންގަރާސްތަކަކީ ބިމުގެ 20 މީޓަރު އަޑިން ބިނާކޮށްފައިވާ ފެންވަރު ރަނގަނޅު ބިންގަރާސްތަކެކެވެ. މިތަންތަނުގައި ފޯރިމެރުމަށް ހަމާސްގެ މުޖާ ހިދުން ތިބޭތީ އެތަންތަނާ ގާތްވުމަށް އިސްރާއީލުގެ ސިފައިން ފަސްޖެހޭ ކަމަށް ޚަބަރުތައް ބުނެ އެވެ.

އިސްރާއީލުން ދާދިފަހުން ހަލާކުކޮށްލީ މާކުރީ ޒަމާނެއްގައި ޙަމާސުން ހަދާފައިވާ ބިންގަރާހެއް ކަމަށް އެ ޖަމާއަތުން ބުނެ އެވެ. (ނޫސްއެޖެންސީތައް)