09 May 2016, 10:13
ހއ. މާރަންދޫ ފަޅުގައި އަޅާފައި އޮއްވައި "ޓޫފޯޓޫ" ބޯޓުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކީ ސިޔާސީ ގޮތުން ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް އެ ބޯޓުގެ ވެރިޔާ އިސްމާއިލް ރަޝީދު ތުހުމަތުކޮށްފި އެވެ.
އިއްޔެ މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި މުޅި ބޯޓު ވަނީ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށްގެން ހަދާފައިވާ އެ ބޯޓު އަނދައިގެން ދިޔައީ ގިނަ އަދަދެއްގެ މުދަލާއެކުގަ އެވެ.
"ޓޫފޯޓޫ" ބޯޓުގެ ވެރިޔާ އިހަވަންދޫ އިސްމާއިލް ރަޝީދު "ސަން"އަށް މިއަދު ބުނީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ ރަށުގައި ބަންނަމުންދިޔަ އިތުރު ދޯންޏެއްގައި ވެސް ރޯކޮށްލި ކަމަށާއި އިއްޔެ ބޯޓުގައި ރޯކޮށްލުމަކީ ސިޔާސީ ގޮތުން ކުރިކަމެއް ކަމަށެވެ. ބޯޓުގައި ރޯވިގޮތުން ވެސް އެކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.
ބޯޓުގެ ވެރިޔާ ބަސް
- އެއީ ސިޔާސީ ގޮތުން ބަޔަކު ގަސްތުގައި ކުރިކަމެއް
- ބޯޓު ހުރީ އިންޝުއަރެންސް ނުކޮށް
- ބޯޓު އަނދައިގެން ދިޔައިރު ހަ ލައްކަ ރުފިޔާ ތިޖޫރީގައި ހުންނާނެ
- ބޯޓުގެ އަގަކީ 8 މިލިއަން، މުދަލާއެކު އަނދައިގެން ދިއުމުން ލިބުނު ގެއްލުން 12 މިލިއަނަށް

"މިހަމަ ސިޔާސީ ގޮތުން ރޯކޮށްލި އެއްޗެއް، މާރަންދޫގެ ވަރަށް ގިނަ މީހުން ބުނޭ އެބަ ދެ އެއްޗެއްގޮވާފައޭ މަތީ ބުރީގައި އެއްކޮށް ރޯވީ، ރޯވި ގަޑީގައި މަތީ ބުރީގައި އެއްކޮށް ރޯވީއޭ، ރޯވަންރޯވަން ހުރީކީއެއް ނޫން،" ރަޝީދު ބުންޏެވެ.
ބޯޓުގެ އަގު 8 މިލިއަނަށް އަރާއިރު ބޯޓާއެކު އަނދައިގެން ދިޔަ މުދަލާއެކު 12 މިލިއަނެއްހާ ރުފިޔާގެ ގެއްލުންވި ކަމަށް ރަޝީދު ބުންޏެވެ.
"ރެސިން ވެސް އެބައުޅޭކަމަށް ބުނޭ 40 އަކަށްފީފާ، އެއީ ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ، ބޯޓު ބަރުކުރަން ވެސް ހައެއްކަ ލައްކަ ރުފިޔާ ގެންގުޅޭ ތިޖޫރީގައި، ވަކިއެއްޗެއް ނޫން ބޯޓް ވެސް ބޭނުން ނުކުރެވޭ ވަރަށް އެނދީ،" ރަޝީދު ބުންޏެވެ.

މާލެ ދަތުރުކުރާ އިހަވަންދޫ 242 ބޯޓުގައި އަލިފާން ރޯވެ އަނދަނީ ---- ފޮޓޯ: ފޭސްބުކް
ބޭނުން ނުކުރެވޭވަރަށް މުޅި ބޯޓް އަނދައި ހުލިވެފައިވާއިރު އެ ބޯޓް އިންޝުއަރެންސެއް ވެސް ނުކުރާ ކަމަށް ރަޝީދު ބުންޏެކެވެ.
އިއްޔެ އެނދި ޓޫފޯޓޫ ބޯޓަކީ މާލެ އާއި އިހަވަންދޫއާ ދޭތެރޭގައި ދަތުރު ކުރާ ބޯޓެކެވެ. އިއްޔެ އެނދި ބޯޓާއެކު މާލެ އާއި އިހަވަންދޫއާ ދޭތެރޭ ދަތުރު ކުރާ ތިން ބޯޓެއް އޮވެ އެވެ. އިއްޔެ އެނދި ބޯޓަކީ އެ ސަރަހައްދުގެ ރަށްތަކަށް ގިނަބަޔަކު ދަތުރުކޮށް އަދި މުދާ އުފުލުމަށް ބޭނުން ކުރަމުން އައި ބޯޓެކެވެ.