10 May 2011, 11:57
މުޖުތަމައަށް "ނުރައްކާ ބޮޑު" ކަމަށް ބުނެ ފުލުހުން ހޯދަމުން ދިޔަ, މާލޭ މުނިސިޕަލްޓީ ހާއްސަ ދަފްތަރު އަބްދުﷲ ނަސީރު ޖަމާތް ހަދައިގެން ވައްކަން ކުރަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މުޖުތަމައަށް ނުރައްކާ މީހެއްގެ ގޮތުގައި މައުލޫމާތާއި ފޮޓޯ އާއްމުކޮށްފައިވާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ ނަސީރު ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ މަހު ކަމަށާއި އޭނާ ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ވެސް ހާޒިރުކޮށްފައިވާ ކަމަށެވެ.
ކޯޓުން ބުނީ ޖަމާއަތް ހަދައިގެން ވައްކަންކުރަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ނަސީރު ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ހާޒިރުކުރުމުން، 15 ދުވަހު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާ ކަމަށެވެ. އޭގެ ފަހުން ވެސް ހަމަ އެމައްސަލާގައި މިމަހުގެ ފަސް ވަނަ ދުވަހު ވެސް ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް 15 މުއްދަތެއް ޖަހާދީފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ އާދީއްތަ ދުވަހާ ހަމައަށްވެސް ނަސީރު ހައްޔަރުކުރެވިފައިނުވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާގެ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެދުވަހު ބައެއް މީޑިއާތަކުން އެމައުލޫމާތު ހޯދިއިރު މުޖުތަމައަށް "ނުރައްކާބޮޑު" ނުވަ މީހުންގެ ތެރެއިން ނުފެންނަ މީހުން ހޯދުމުގެ މަސައްކަތް ކުރާ ސެކްޝަނަށް، ނަސީރު އިތުރު މައްސަލައެއްގައި ހައްޔަރުކޮށްފައިވާކަން އެނގިފައިނުވާ ކަމަށެވެ.
" އެހެން ދިމާވީ ދެ ސެކްޝަންގެ ކޯޑިނޭޝަންގެ މައްސަލައަކާ ގުޅިގެން، ނަސީރު ހޯދަމުން ދިޔައީ މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި. ނަމަވެސް އޭގެފަހުން ވައްކަމުގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ހުރިކަން އެ ސެކްޝަނުން އަނެއް ސެކްޝަނަށް އަންގާފަ އެއް ނުވޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ނަސީރު ހުއްޓާ، އޭނާ އަދިވެސް ހައްޔަރުކުރެވިފައިނުވާ ކަމަށް އާދީއްތަ ދުވަހު ފުލުހުން ބުނެވިފައިވާތީ އެކަމަށް ނަސީރުގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލެ ތެރޭގައި މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މީހުން މެރުން އާއްމުވުމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގެން "ހައި ޕްރޮފައިލް" ނުވަ މީހުން ވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިދިޔަ އެޕްރީލް މަހު އެމީހުންގެ މައުލޫމާތާއި ފޮޓޯ އާއްމުކުރި އިރު ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭރު ނަސީރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުނެވިފައި ވަނީ އޮޅުމަކުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ނަސީރަކީ "ކުޑަ ހެންވޭރަށް" ނިސްބަތްވާ މީހެއް ކަމަށާއި ތަފާތު އެކިއެކި މައްސަލަތަކުގައި 17 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށް، އޭގެ ތެރެއިން ފަސް މައްސަލައެއް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.