މި އަހަރު ފެށިގެން އައީ ވެސް ބޮލީވުޑުގެ "ބްރޭކް އަޕް" އަހަރެއްގެ ގޮތުގަ އެވެ. އަރްބާޒް އަދި މަލައިކާ ހާން އަށް ފަހު ސުޝާންތު ސިންގް ރާޖްޕުތު އާއި އަންކިތާގެ ޖޯޑުވެސް ވަނީ ވަކިވެފަ އެވެ. އެއަށް ފަހު އަނެއްކާ ވެސް އެ ލިސްޓަށް މި އިތުރު ވަނީ އިތުރު ޖޯޑެކެވެ.

"ބިގް ބޮސް" އަކީ ހިންދީ ސިނަމާއަށް ފޯރި ހުންނަ ގިނަ ބައެއްގެ މެދުގައި މަގުބޫލު ރިއަލިޓީ ޝޯވ އެކެވެ. އުޕެން ޕަޓޭލް އަދި ކަރިޝްމާ ތަންނާގެ ލޯބީގެ ވާހަކައަކީ އެ ޝޯ ބަލާ ފަރާތްތަކަށް އާ ވާހަކައަކަށް ނުވާނެ އެވެ. ދެ މީހުންގެ ގުޅުން ފެށުނީ ވެސް ޝޯގެ އަށް ވަނަ ސީޒަންގެ ތެރެއިން ކަމަށްވާތީ އެވެ.

ދެ އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ދެ ތަރިން ވަކިވާން ނިންމިކަން ހާމަކުރީ "ޗައިނާ ޓައުން"ގެ ތަރި އުޕެން، ކުރި ޓުވީޓެއްގަ އެވެ.

ކަރިޝްމާ އާއި އުޕެން އެވޯދު ހަފްލާއެއްގައި ބައިވެރިވަނީ ---

"އަހަންނާ ކަރިޝްމާ އާއި ދެމީހުން ވަނީ ވަކިވާން ނިންމާފައި. އެންމެންގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރިއްޔާ،" އުޕެން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ދެމީހުން ވަކިވި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް އުޕެން ވަނީ "ވަރަށް ގިނަ ކަންތައްތަކެއްގެ ހަގީގަތް އެނގި ހަގީގީ ކުލަ ފެނިފައިވާ،" ކަމަށް ބުނެފަ އެވެ.

"އުޕްމާ"ގެ ނަމުން މަޝްހޫރުވެފައިވާ ޖޯޑު ވަކިވި އިރު ދެމީހުން ވަނީ އެންގޭޖު ވެސް ވެފަ އެވެ. ދެމީހުން އެންގޭޖުވީ "ނަޗް ބަލިޔޭ" ގެ ތެރެއިންނެވެ. އަދި އުޕެން ވަނީ ކަރިޝްމާއަށް ހަ ލައްކަ ރުޕީޒްގެ އަގުހުރި އަނގޮޓިއެއް ވެސް ގަނެދީފަ އެވެ.

ދެ ތަރިން ނަޗް ބަލިޔޭ ގައި އެންގޭޖު ވަނީ --

ދެހާސް ސާދަ ވަނަ އަހަރު ދެމީހުން ރައްޓެހިވީ ބިގް ބޮސްގެ އަށް ވަނަ ސީޒަންގައި އެވެ. އެއަށް ފަހު މިދިޔަ އަހަރު އެންގޭޖުވީ މިދިޔަ އަހަރު އެވެ. ދެމީހުން ވަކިވި އިރު ކައިވެނި ކުރަން ތައްޔާރުވަމުން ދިޔަ ކަމަށް ހަބަރުތައް ބުނެ އެވެ.