ކާބުލް (މޭ 9): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާއި ކަންދަހާރު ގުޅުވައިދޭ ހައިވޭގެ މަތިން ދުއްވާފައި ދިޔަ ތެޔޮ ޓޭންކަރަކާއި ދެ ބަސް އެކްސިޑެންޓުވުމުގެ ސަބަބުން 73 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ތެޔޮ ޓޭންކަރާއި 125 ފަސިންޖަރުންނާ އެކު ދަތުރުކުރި ދެ ބަސް އެކްސިޑެންޓުވުމުގެ ސަބަބުން ތިން އުޅަނދުގައި ވެސް އަލިފާން ރޯވެ، މަރުވި މީހުން ވަނީ ވަރަށް ބޮޑަށް އަނދާފައި ކަމަށް ހާދިސާ ހިނގި ގަޒްނީ ޕްރޮވިންސުގެ ތަރުޖަމާނު، ޖާވިދު ސަލަންގީ ވިދާޅުވި އެވެ.

މީހުން ސަލާމަތް ކުރުމުގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވެ، ބައެއް ފަސިންޖަރުން ސަލާމަތް ކުރި ނަމަވެސް އަނިޔާވި ގިނަ ފަސިންޖަރުން ވަނީ ސީރިއަސް ހާލުގައި ކަމަށް ޖާވިދު ވިދާޅުވި އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ޕްރޮވިންޝަލް ޓްރެފިކް ޑިޕާންޓްމެންޓުގެ ޑިރެކްޓާ، މުހައްމަދުﷲ އަހުމަދީ ވިދާޅުވި އެވެ. (އަލްޖަޒީރާ)