ތުއްތު ދަރީން ބެލުމުގެ މަސައްކަތް ބިދޭސީންނާ ހަވާލުކޮށް، އެކަމާ ވިސްނުމެއް ނެތި ޣާފިލުކަން މަތީ ތިއްބާ، ރާއްޖެއިން ދެވަނަ "އަނދިރި އަނދިރިން"ނެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބޭރު މީހުން ދިރިއުޅޭ އިރު، ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ހޭދަވަނީ އެމީހުންނަށް ކަމަށެވެ.

"މިކަމުގެ ތެރެއިން އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ބޭރު ބައެއް ގިނަ ވަމުންދާ އިރު މި ގައުމުގެ ރަނގަޅު ސިފަތަކާއި ދިވެހިވަންތަ ކަމާއި ދިވެހި ބަހަށް ކޮށްފާނެ އަސަރުތައް،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމެއްގެ ބަސް ގެއްލިގެން ގޮސްފި ނަމަ އެގައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. އަދި ބޭރު ބައެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގައިފާނެ ކަމާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދާނީ ކިހާ މިންވަރަށްތޯ؟ އެންމެ ލޯބިވާ ތުއްތު ދަރިފުޅު ބަލަން ބޭރު މީހަކާ ހަވާލު ކުރީމާ އެކުއްޖާގެ ތައުލީމާ ތަރުބިއްޔަތާއި އަގީދާއަށް ކިހާ ވަރަކަށް އަސަރު ކޮށްފާނެތޯ؟ މިކަންކަމަށް އަޅުގަނޑުމެން ނުވިސްނާ، ޣާފިލުކަން މަތީ ތިއްބާ އަނެއްކާ އަނެއް އަނދިރި އަނދިރީން އަޅުގަނޑުމެންގެ ތެރެއިން އުފެދިގެން ދިއުމަކީ ނުވާނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އަނދިރި އަނދިރީންނަކީ، ރާއްޖެ ހިފުމަށް ޕޯޗުގީޒުން ގޮވައިގެން އިންޑިއާގެ ގޯއާއިން ރާއްޖެއަށް އައި ލަޝްކަރުގައި އިސްކޮށް ހުރި މީހާ އެވެ.

ތާރީޚު ބުނާ ގޮތުގައި، ސުލްތާން ކަޅު މުހައްމަދު ރަސްގެފާނުގެ ދުވަސްވަރު އިންޑިއާގެ ގޯއާއިން ހުވަދު އަތޮޅަށް ދިޔަ ޕޯޗުގީޒު ނަވެއް ދިވެހީން ހިފައި، އޭގައި ތިބި އެންމެން ގަތުލުކުރި އިރު، އެ ނަވުގައި ހުރި އަންހެނަކު ސަލާމަތް ކުރި އެވެ. އެ އަންހެން މީހާއަށް ލިބުނު ޕޯޗުގީޒު ދަރިކޮޅުގެ ދަރިފުޅު "މުހައްމަދު"އަށް ފަހުން ކިޔުނީ އަނދިރި އަނދިރީންނެވެ. އަނދިރި އަނދިރީން ބޮޑުވުމަށް ފަހު، އެނބުރި އިންޑިއާގެ ގޯއާއަށް ގޮސް، އެތަނުން ޕޯޗުގީޒުން ގޮވައިގެން އައިސް މާލެ ހިފީ އެވެ.

ޝަހީދުންގެ ދުވަސް، އެބޭފުޅަކަށް ނިސްބަތްކޮށް ފާހަގަކުރާ ސުލްތާން އަލީ ހަވަނަ (އަލީ ރަސްފާނު) ޝަހީދުވެވަޑައިގަތީ، މި މީހުންނާ ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށެވެ.

ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ޓެރަރިޒަމްގެ ބިރު އޮތް ގައުމެއްގެ ގޮތުގައި ސިފަ ކުރުމަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެދާނެ ކަމަށާއި، ދައްކާ ވާހަކައާ ބުނާ ބަހުގެ ސަބަބުން ނުކުންނާނެ ނަތީޖާގެ މައްޗަށް މިއަދު ވިސްނަން ޖެހޭ ކަމަށެވެ.