08 May 2016, 22:50
މ. މުލީ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެސް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ އެ ޓީޗަރު މާލެ ގެނެސް އިމިގްރޭޝަނާ ހަވާލުކުރީ ގާނޫނީ ގޮތުން އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިގެންވާ ބާރުގެ ދަށުން ފުލުހުންނަށް އެންގި އެންގުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
އެއީ ޗަންދުރަސޭކަރަން ނަމަކަށް ކިޔާ އިންޑިއާ އަށް ނިސްބަތްވާ ޓީޗަރެކެވެ. އެއީ ކޮން މާއްދާއެއް، ކޮން ގްރޭޑަކަށް ކިޔަވައިދޭ ޓީޗަރެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ސަން އަށް ވިދާޅުވީ، މުލީ ސްކޫލްގައި މަސައްކަތްކުރާ އެ ބިދޭސީ ޓީޗަރު ފުލުހުން މެދުވެރިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މުލީ ސްކޫލްގައި މަސައްކަތްކުރާ އެ ޓީޗަރު ފުލުހުން މެދުވެރިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ. އެ މައްސަލައިގެ އިތުރު ތަފްސީލު އަދި ހާމަކުރެވެން ނެތް،" ޚަލީލް ވިދާޅުވި އެވެ.
މުލީ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ނާހިދު 'ސަން' އަށް ވިދާޅުވީ، އެ ބިދޭސީ ޓީޗަރު މާލެ ފޮނުވާލީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު ދެވޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަމާ ބެހޭ ފޯމެއް ފުރިހަމަކުރުމަށްފަހު އެ މައުލޫމާތު ހޯދުމަށް އެ ސްކޫލަށް ފޮނުވުމުން ކަމަށެވެ.
މިކަމާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.