މަސްތުގެ ހާލަތުގައި ސައިކަލް ދުއްވާފައިދިޔަ މީހެއް މިދިޔަ މަހުގެ ތެރޭގައި އަމީނީމަގުގައި ކޮނެފައި ހުރި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނު ވާހަކަ އަޑުއެހިން ނޫންތޯ އެވެ. ހައިރާން ނުވާށެވެ. ހަމައެކަނި މަސްތުގެ ހާލަތުގައި ދުއްވާ މީހުންނެއް ނޫނެވެ. ދުވަހަކު މަސްތުވާއެއްޗެއް ބޭނުން ނުކުރާ މީހުންނަށް ވެސް ނުރައްކަލާއި ކުރިމަތިލާން ޖެހޭ މިންވަރަށް ބައެއް މަގުތަކުގެ ހާލަތު މިވަނީ ގޮސްފަ އެވެ.

އެތައް އޮފީހަކާއި ސްކޫލެއް ހުންނަ އަމީނީމަގު ކޮނެ ނަގާތާ އެތައް ދުވަހެއް މިވަނީ ފާއިތުވެގެންގޮސްފަ އެވެ. އެގޮތުން މިހާރު ވެސް ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ހިސާބުން ފެށިގެންގޮސް ސްޓެލްކޯއާ ހަމައަށް މަގު މެދުން ވާކަހަލަ ގޮތަކަށް ދިގު، ފުޅާ ވަޅެއް ކޮނެފަ އެވެ. ރޯޑް ކޯޕަރޭޝަނުން ކުރާ މަސައްކަތަކީ ހޮޅިއެއްވަޅުލުމެވެ.

އަމީނީމަގުގައި ކޮނެފައިވާ ވަޅުގަނޑު ކައިރިން ބަޔަކު ދުއްވާފައިދަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ހަތަރު ފޫޓެއްހާ ފުޅާކޮށް ވަރަށް ދިގުކޮށް ކޮނެފައިވާ އެވަޅުގަނޑުގެ ސަބަބުން އަމީނީމަގުން ދުއްވާއެއްޗެހި ދުއްވުމަށް ނުވަތަ ހިނގާބިނގާވެ އުޅުމަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. ދެރަވަރުކަމަކީ ހަނިމަގަކުން ދެކޮޅަށް ދުއްވަން ހުޅުވާލާފައި އޮތް އިރު ވަޅުގަނޑާއި ވެހިކަލް ދިމާވެއްޖެ ނަމަ ސީދާ ވެއްޓޭ ގޮތަށް އޮތުމުންނެވެ. އެއްވެސް ސޭފްޓީއެއް ނެތެވެ. ދަމާލާފައި ހުރީ ހަމައެކަނި ދެ އިންޗިއެއްހާ ބޯމިނުގެ ޓޭޕްފަށެއް އެކަންޏެވެ.

"އެވަޅުގަނޑު އޮންނަ ހިސާބުން ވެސް ދެކޮޅަށް އެބަދުއްވާ. އެހާބާރުބޮޑު. ވަޅުގަނޑާ ދިމާލުން ހީވަނީ ދެންމެ ދެންމެ ގުންޑޮޅި ކެނޑިދާނެހެން،" އެސަރަހައްދުން ދުއްވާފައި ދިޔަ ހުސެއިން ހަމީދު ބުންޏެވެ.

އެ ވަޅުގަނޑުތައް ކޮނެ ނަގާފައިވާ ފަސްތައް ވަނީ މަގުގެ އެއްފަރާތަށް ޖަމާކޮށްފަ އެވެ. އެއާ އެކު އެސަރަހައްދުން ހިނގާ ބިނގާވެ އުޅުމަކީ ދަތިކަމެކެވެ. ހަމައެއާ އެކު އެވަޅުގަނޑުތައް ކޮނެފައި ހުންނަ ސަރަހައްދުގައި އެއްވެސް ސޭފްޓީއެއް ނެތުމުން އެވަޅުގަނޑަށް މީހުން ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. ހާއްސަކޮށް އެއީ ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް އޮތް ބިރެކެވެ.

ބޮޑުތަކުރުފާނު މަގުން ކޮނެފައިވާ ވަޅުގަނޑު-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އަމީނީމަގު ވަޅުގަނޑު އެކަންޏެއް ނޫނެވެ. ބޮޑުތަކުރުފާނު މަގު، ފަތަންދާ ޓްރެކް ސަރަހައްދުގައި ވެސް ހަމައެފަދަ ވަޅުގަނޑެއް ހާމައަށް ބާއްވާފައިއެބައޮތެވެ. ނަރުތަކެއް ވަޅުލުމަށް ކާނެއްގޮތަށް ހަދާފައިވާ އެވަޅުގަނޑުތަކުގެ މަތިތައް ނަގައި އެގޮތަށް ހުޅުވާލާފައި އޮންނަތާ އެތައް ދުވަހެކެވެ. ވަޅުގެ ދެކޮޅުގައި ބައްތި ބަހައްޓާފައި ހުރި ނަމަވެސް އެތަން އޮތީ މީހަކަށް އަނިޔާވެދާނެ ގޮތަކަށެވެ. އެއްވެސް ސޭފްޓީއެއްނެތެވެ. ދުއްވާފައިދާ މީހާ ވެސް ހަމަ ކަހާލާފައި އައިސް ސީދާ ވެއްޓޭގޮތަށް އެވަޅުތައް ވެސް އޮތީ ހުޅުވިފަ އެވެ.

އެދެ ވަޅުގަނޑުގެ އިތުރުން ވެސް އެކިއެކި ދުވަސްމަތިން މާލޭގެ އެކިސަރަހައްދުތައް ކޮނެ ހެދުމުގެ ސަބަބުން ދުއްވާ މީހުންނަށާއި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންޖެހެ އެވެ. މަސައްކަތެއް ކުރަންޖެހިގެން މަގެއް ކޮނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން މީހަކަށް ގެއްލުމެއް ނުވާނެ ފަދަ ސޭފްޓީއެއް އޮންނަންވާނެ ނޫންތޯ އެވެ.

ހެޑް އޮފް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު ވިދާޅުވީ، އެމަގުތައް އެގޮތަށް ހުރުމުން ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެފަދަ މަސައްކަތް ކުރުމުގައި ސޭޕްޓީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ.

އަމީނީމަގުގައި ކޮނެފައިވާ ވަޅުގަނޑު ކައިރިން ބަޔަކު ދުއްވާފައިދަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"ތި ލެވެލްއަށް ކޮނެފައި އޮތްތަނެއްގައި ފެންސެއް އެއްޗެއް ނުޖަހައި ހިޔެއްނުވޭ ވާނެހެނެއް. އަޅުގަނޑުގެ ސޭފްޓީއަށް ބަލަންޏާ އެމަގުގެ ކޮނެފައިވާ ހިސާބު އެއްކޮޅުން އަނެއްކޮޅަށް ބަންދުކުރުން [ރަނގަޅީ]. ނަމަވެސް އެގޮތަށް ބަންދުކުރުމުން މީހުންނަށް ދަތިވާނެ ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވޭތީ ކަންނޭގެ އެޓްލީސްޓް ސައިކަލް ދަތުރުކުރެވޭގޮތް ހަދާފައި އެހެރީ،" ދާއޫދު ވިދާޅުވި އެވެ.

ނަމަވެސް އަމީނީމަގުގައި ކުރަމުން އަންނަ މަސައްކަތަކީ މާލޭގައި ފެންބޮޑުވުން ހައްލުކުރުން ފަދަ މުހިންމު މަސައްކަތަކަށްވާތީ އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.

ދެން އޮތީ އަނެއް ވާހަކަ އެވެ. އެގޮތަށް ކޮންނަ މަގުތަކުގައި ގާއަތުރާފައި ހުރުމެކޭ ކުޑަކުއްޖަކު ހަޑިއެއްހާވަފައި ހުރުމެކޭ ގިނަ ފަހަރަށް ވާނީ ހަމައެއްވަރެވެ. އެގާތަކުގެ މަތިން ސައިކަލް ދުއްވާފައިދާ އިރު ގަދަ ކަނޑެއްގައި ބޮއްކުރަލެއްގައި ދަތުރުކުރުމެކޭ މާކަބޮޑު ތަފާތެއް ނެތް ކަހަލަ އެވެ.

އަމީނީމަގުގައި ކޮނެފައިވާ ވަޅުގަނޑު ކައިރިން މީހަކު ހިނގާފައިދަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ތަފާތު ބޭނުންތަކަށް މާލޭގެ މަގުތައް ކޮނުމުގެ ހުއްދަ މިހާރު ހައުސިން މިނިސްޓްރީން ހަމައެކަނި ދީފައިވަނީ ރޯޑް ކޯޕަރޭޝަނަށެވެ. އެއާ އެކު ކުރިއާ ހިލާފަށް މަގުތައް ތަރުތީބުކަން ފާހަގަކުރެވެ އެވެ. ނަމަވެސް އަދިވެސް އަޑިގުޑަންތައް މަދެއް ނޫނެވެ. ހާއްސަކޮށް އެކި ބޭނުންތަކުގައި މާލޭގެ އެތައް ހިސާބެއް ކޮންމެ ދުވަހަކު ކޮންނައިރު އެކަން ފާހަގަކުރެވެ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސައިން ވިދާޅުވީ ރޯޑްކޯޕަރޭޝަނާ އެ މަސައްކަތް ހަވާލުކޮށްގެން ގެންދަނީ ވެސް އެކަން ރަނގަޅަށް ކުރުމަށް ޓަކައި ކަމަށެވެ. އެކަން ކުރަމުންދަނީ އުސޫލާ އެއްގޮތަށްތޯ އެ މިނިސްޓްރީން މޮނީޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޯސްކަމެއް ފާހަގަކުރެވިގެން ރިޕޯޓްކޮށްފިއްޔާމު ވަގުތުން އެޓެންޑް ކުރާނެ، ކުރިއަށްއޮތްތަނުގައި ވެސް މިނިސްޓްރީންދާނީ ބަލަމުން." ފަޒާލު ވިދާޅުވި އެވެ.

އަމީނީމަގުގައި ކޮނެފައިވާ ވަޅުގަނޑު ކައިރިން ބަޔަކު ދުއްވާފައިދަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ބޮޑެތި ވަޅުތައް ކޮނެ އެހެން މިހެން ގާއެތުރުމުގެ ސަބަބުން މި ވެރިރަށުގެ މަގުތަކުގައި ދުއްވައިއުޅުމަށާއި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ އިރު ތަފާތު އެކި މަސައްކަތްތަކަށް ވެސް ހަމައެއް އުސޫލެއް ނެތި މަގުތައް ބަންދު ކުރުމަކީ ވެސް މާލޭގެ ޓްރެފިކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ފުލުހުންގެ ޓުރެފިކް ހެޑް ދާއޫދު ވިދާޅުވީ، ބައެއް ފަހަރު މުޅި މާލޭގެ ޓްރެފިކަށް ދަތިވާ ގޮތަށް ބައެއް ކަހަލަ މަސައްކަތްތައް ހިނގަމުން ދާ ކަމަށާއި އެފަދަ ހާލަތްތަކުގައި ހައުސިން މިނިސްޓްރީއަށް އަންގައި އެމަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުވަމުން އަންނަ ކަމަށެވެ.

"މިސާލަކަށް އެއްދިމާލެއްގެ ތިން ހަތަރު މަގު ބަންދުކޮށްގެން މާލޭގައި މިދަތުރުކުރާ އުޅަނދު ދަތުރުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ ލިބޭ އަޅުގަނޑުމެންނަށް،" ދާއޫދު ވިދާޅުވި އެވެ.

މާލޭގެ މަގުތައް މަރާމާތައް ބޭނުންވާ ވާހަކައަކީ އެންމެނަށް ވެސް އެނގޭ ވާހަކަތަކެވެ. އެކަން އެހެންއޮއްވައި މިހާރު މިފެންނަނީ އަބަދުހެން މާލޭގެ މަގުތައް ކޮނެ ނުވަތަ ކޮންމެވެސް ސަރަހައްދެއް ބަންދުކޮށްގެން އުޅޭތަނެވެ. ހިތާމައަކީ އެގޮތަށް މަސައްކަތްކުރާއިރު މީހުންނަށް ރައްކާތެރި ގޮތްތަކެއްނެތުމެވެ.