ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންނަށް އިތުރު ފައިދާތަކެއް ލިބޭނެ ފަދަ އިންޝުއަރެންސް ސްކީމެއް އަމާނާ ތަކާފުލްއިން ތައާރަފުކޮށް، އެ އެސޯސިއޭޝަނާ އެކު މެރިޓައިމް ޕާޓްނަޝިޕް އެގްރީމެންޓެއް އެކުލަވާލައިފި އެވެ.

ސޯލްޓް ކެފޭގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި، މި ޕާޓްނަޝިޕް އެގްރީމެންޓުގައި ސޮއި ކުރެއްވީ ލިވްއަބޯޑް އެސޯސިއޭޝަނުގެ ރައީސް ހަސަން ހަލީމްއާ، އަމާނާ ތަކާފުލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ހަރީޒް ސުލައިމާނެވެ.

ލިވްއަބޯޑް އެސޯސިއޭޝަނުގެ ރައީސް ހަސަން ހަލީމް ވިދާޅުވީ، ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އަމާނާ ތަކާފުލްއިން މިހާރު ފޯރުކޮށްދޭ ހަލް އިންޝުއަރެންސްގެ އިތުރުން އެތައް ފައިދާތަކެއް، ލިވްއަބޯޑް އެސޯސިއޭޝަނުގެ މެމްބަރުންނަށް ލިބިގެން ދާނެ ކަމަށެވެ.

އަމާނާ ތަކާފުލްގެ އެސިސްޓަންޓް ސޭލްސް މެނޭޖަރު އަބްދުﷲ މުރްޝިދު ވިދާޅުވީ، އެ ކުންފުނީގެ ފަރާތުން ލިވްއަބޯޑް އެސޯސިއޭޝަނުގެ މެމްބަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ހިމެނެނީ ރެކް ރިމޫވަލް އާއި، ޕޮލިއުޝަން ކަވަރޭޖާއި، ފަސިންޖަރުންނާއި ކްރޫއިންގެ ކަވަރޭޖުގެ އިތުރުން، ޑްރައި ޑޮކެއްގައި އޮޑި އޮންނަ އިރު ލިބޭ ގެއްލުމަކަށް ދޭ އިންޝުއަރަންސާ އެކު، ހަތަރު ކަމެއް ކަމަށެވެ.

ލިވްއަބޯޑް އެސޯސިއޭޝަންގެ ރައީސް ހަސަން ހަލީމް (ކ) އަދި އަމާނާ ތަކާފުލްގެ އެމްޑީ ހަރީޒް ސުލައިމާން -- ސަން ފޮޓޯ/ފަޔާޒް މޫސާ

އެއްބަސްވުމުގެ ދަށުން، ލިވްއަބޯޑް އެސޯސިއޭޝަނުގެ މެމްބަރުންނަށް، މި އިންޝުއަރަންސް ސްކީމުގެ ޕްރީމިއަމް އަގު ހަތަރު ބަޔަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް ލިވްއަބޯޑް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

މިކަމާ ގުޅިގެން، އަމާނާ ތަކާފުލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ ހަލް އެންޑް ކޮމްޕްރެހެންސިވް ކަވަރޭޖް ސްކީމުގެ އިތުރު ފައިދާތަކެއް ލައިގެން މިއަދު ތައާރަފު ކުރެވުނު އިންޝޫރަންސް ސްކީމަކީ، ސީދާ ލިވްއަބޯޑް އެސޯސިއޭޝަނުގެ މެމްބަރުންނަށް ޚާއްސަކޮށް ޑިޒައިންކޮށްފައިވާ ސްކީމެއް ކަމަށެވެ.

"އާދައިގެ ހަލް ކަވަރުގެ އިތުރުން ގިނަ އޮޕްޝަންތަކެއް ހިމެނޭ. އޭގެ އިތުރުންވެސް ލިވަބޯޑް އެސޯސިއޭޝަނަށް ގިނަ އަދަދެއްގެ އިތުރު ފައިދާތަކަކާއި ޚިދުމަތްތަކެއް މީގެ ދަށުން ދެވޭނެ،" ހަރީޒް ވިދާޅުވި އެވެ.