ނޫސްވެރިންގެ ހައްގުތަކަށް ގޮވާލައި މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު ރައީސް އޮފީސް ކުރިމައްޗަށް އެއްވުމާގުޅިގެން ހައްޔަރުކުރި ނޫސްވެރީންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ނުފޮނުވުމަށް ފުލުހުން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، އެ ނޫސްވެރިންގެ މައްޗަށް ދައުވާނުކޮށް އެ ނޫސްވެރިންނަށް ނަސޭހަތްދިނުމަށްފަހު މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ހައްގުތައް ހޯދުމަށް، ނޫސްވެރިން އިސްނަގައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް، ރައީސް އޮފީސް ކުރިމައްޗަށް އެއްވުމުން އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި 19 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އާއި ރާއްޖެޓީވި އާއި ސަންގުޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ އިތުރުން ވީނިއުސްގެ ނޫސްވެރިއަކު ހިމެނެ އެވެ. ނަމަވެސް އެ ނޫސްވެރިން ވަނީ 24 ގަޑި އިރު ވެސް ނުވަނީސް ދޫކޮށްލައިފައެވެ.

ނޫސްވެރިން ބަންދުން ދޫކޮށްލުމަށްފަހު އޭގެ އަނެއް ދުވަހު ފުލުހުން ވަނީ، އެ ނޫސްވެރީންތައް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.