ދިވެހި ސަރުކާރުގެ ރަސްމީ އެޕްލިކޭޝަންތައް ގުޅާލެވިފައިވާ މައި ވިއުގަ ކަމުގައިވާ ގަވަމެންޓް ނެޓްވޯކް އޮފް މޯލްޑިވްސް (ޖީއެންއެމް) އަށް ކަނެކްޓިވިޓީ ފޯރުކޮށްދިނުމާ ބެހޭ ކަންކަން ކުރުމަށް ދިރާގާ ހަވާލުކޮށްފި އެވެ.

މިއަދު ދިރާގުގައި އޮތް ރަސްމިއްޔާތެއްގައި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސެންޓަރުގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަހްމަދު އަޒްހާން ޝަމީމެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ގަވަމެންޓް ނެޓްވޯކް އޮފް މޯލްޑިވްސްއަކީ ސަރުކާރުގެ ރަސްމީ އިދާރާތަކުން ދޭ މުހިންމު ހިދުމަތްތަކެއް ލާމަރުކަޒީކޮށް ރަށު ކައުންސިލުތަކާ ގުޅިގެން އަތޮޅުތެރޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ވިއުގައެކެވެ. އޭގެ ތެރޭގައި ސަރުކާރުން ސިޓީ ފޮނުވުމުގެ ބަދަލުގައި ފޮނުވާ އީމެއިލް ފޮނުވުމަށް ބޭނުންކުރާ އީލެޓާ މެނޭޖްމެންޓް ސިސްޓަމުގެ ޚިދުމަތާ، އެންސީއައިޓީން ތައްޔާރުކުރާ ސަރުކާރުގެ ހިއުމަން ރިސޯސް އަދި ޕޭރޯލް ސިސްޓަމުގެ ޚިދުމަތް ހިމެނެ އެވެ.

އޭގެ އިތުރުން އައިޑީ ކާޑާއި ލައިސެންސާއި ވިޔަފާރީގެ ރަޖިސްޓްރީގެ އިތުރުން ވޯކް ޕާމިޓް ފަދަ މުހިންމު ޚިދުމަތްތައް އެ ވިއުގައިގެ ތެރެއިން ދެވޭނެ އެވެ. މި ޚިދުމަތްތައް މިހާރު ވެސް ރަށު ކައުންސިލުތަކުން ދެމުން ދެ އެވެ.

މި ނެޓްވޯކުގެ ތެރެއިން ރާއްޖޭގެ ގައުމީ ބޯޑަރު ކޮންޓްރޯލް ސިސްޓަމު، ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓަކާ ގުޅުވައިލަ އެވެ. އަދި ކޯޓުތަކުގެ ވީޑިއޯ ކޮންފަރަންސް ޚިދުމަތުގެ އިތުުރުން، ޓެކްސް ޚިދުމަތް އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މީރާގެ ބްރާންޗުތަކުގެ އިދާރާތައް ވެސް މި ވިއުގައިގެ ތެރެއިން ގުޅުވާލެވިފައި ވެ އެވެ.

މި ވިއުގައިގެ ތެރެއިން އާސަންދައާއި ޕެންޝަނުގެ އިތުރުން ކާޑު ވެރިފިކޭޝަން ފަދަ މުއާމަލާތްތައް ވެސް ކުރެ އެވެ.

މިއަދު ދިރާގާއި އެންސީއައިޓީއާ ދެމެދު ވެވުނު އެގްރީމެންޓާ އެކު، މި ވިއުގައިގެ ސްޕީޑު އަވަސްކޮށް، ބޭންޑުވިތު ބޮޑުކުރެވިފައި ވެ އެވެ.