10 May 2011, 11:24
އިންޖީނަށް އަޅާނެ ތެޔޮ ނެތިގެން ލ. މާވަށުން ކަރަންޓް ކެނޑިފައި ވަނިކޮށް ބަޔަކު ސާދަ ރާތާ މަރުތެޔޮ ހިފައިގެން އެރަށު އިންޖީނުގެއަށް ވަދެ ހުރިހާ ޖަނަރޭޓަރު ހަލާކުކޮށްލިކަމުގެ ތުހުމަތުގައި ފަސް މީހަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފި އެވެ.
މާވަށު ރަށުކައުންސިލުން މިއަދު ބުނީ 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ އިންޖީނުތައް ތަޅައި ސުންނާފަތި ކުރުމުގެ ތުހުމަތަށް ހައްޔަރުކުރަން ބޭނުންވާ ފަސް މީހުންގެ ލިސްޓެއް ފުލުހުން ކައުންސިލާ ހިއްސާ ކުރުމަށްފަހު އިއްޔެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އޭގެ ތެރެއިން ހަތަރު މީހުން ކަމަށެވެ.
" )ހައްޔަރުކުރި ފަސްވަނަ މީހަކީ( ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހެއް ކަމަށް ބޮޑަށް ބެލެވެނީ، އިންޖީނުގެއަށް ގެއްލުންދިނުމުގެ ތުހުމަތުގައި ހައްޔަރުކުރަން ޖެހޭ ކަމަށް ފުލުހުން އަޅުގަނޑުމެންނާ ހިއްސާކުރި ލިސްޓްގައި ނުހިމެނޭ އެކަކު އިއްޔެ ހައްޔަރު ކުރި،" އާމިރު ވިދާޅުވި އެވެ.
ނަމަވެސް ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި ފަސް މީހުންނަކީ ވެސް މާވަށު އިންޖީނުގެއަށާއި އެރަށު މެޖިސްޓްރޭޓް ކޯޓަށް ގެއްލުންދިންކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.
" އިއްޔެ މާވަށުން ހައްޔަރުކުރި ފަސް މީހުންނަކީ ވެސް އެރަށު މެޖިސްޓްރޭޓް ކޯޓަށާ އިންޖީނުގެއަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުން" ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ އިންޖީނުގެއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެ ރަށުން ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ރަށުކައުންސިލްގެ މެމްބަރުންނަށް ތަފާތު އިންޒާރުތައް ބަޔަކު ދީފައިވާ ކަމަށެވެ. އެ އިންޒާރުތައް ދިނީ ކޮން ބަޔަކު ކަމެއް އާމިރު ވިދާޅެއް ނުވެއެވެ.
" މީހުން ހައްޔަރުކޮށްގެން ފުލުހުން އިއްޔެ ފުރުމުން އަޅުގަނޑުމެންނަށް ވަނީ ތަފާތު އިންޒާރުތަށް ދޭން ފަށާފައި، މަރުގެ އިންޒާރާއި ތަންތަނުގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައި،" އާމިރު ވިދާޅުވި އެވެ.
މާވަށަށް ކަރަންޓް ދެމުން އަންނަ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް އަޅާނެ ތެޔޮ ނެތިގެން ރަށުން ކަރަންޓް ކެނޑި، ރައްޔިތުން ކަރަންޓާ ނުލައި ދިރިއުޅޭތާ މިއަދަށް އަށް ދުވަސް ހަމަވާނެ އެވެ. ކަރަންޓް މައްސަލަ ރަށުގައި ޖެހިފައި ވަނިކޮށް ބަޔަކު މީހުން މަރުތެޔޮ ހިފައިގެންގެން ވަދަ އިންޖީނުތަކާއި ޕެނަލް ބޯޑުތައް ތަޅައި ތިރިއަރުވައިލީ މި މަހުގެ ހަވަނަ ދުވަހު އެވެ.