08 May 2016, 20:43
ގދ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު އުދަ އަރައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، މިއަދު ގދ. ތިނަދޫއަށާއި ގދ. ގައްދޫއަށް އުދަ އަރާފައި ވެ އެވެ.

ގދ. ގައްދުއަށް މިއަދު އުދަ އަރަނީ -- ފޮޓޯ/ކިޔުންތެރިއެއް
"ސަން" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވީ، މިއަދު ތިނަދުއަށް އުދަ އަރާފައި ވަނީ އެރަށުގެ ހުޅަނގު ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ.
ސައުދު ވިދާޅުވީ، ރަށު ތެރެއަށް ލޮނުގަނޑު އަރައިގެންފައި ވަނީ، އެރަށުގެ ކޯސްޓަލް ޕްރޮޓެކްޝަން ކައިރީގައި ހުންނަ ޑްރެއިނޭޖު ތެރެއިން ލާފައި ކަމަށެވެ. އެ ޑްރެއިނޭޖަކީ، ތިނަދޫގައި ފެންބޮޑުވެއްޖެ ނަމަ ފެން ހިންދުމަށާއި، ފެންގަނޑު ކަނޑަށް ފޮނުވާލުމަށް ހަދާފައިވާ ޑްރެއިނޭޖެކެވެ.
ސައުދު ވިދާޅުވީ، ޑްރެއިނޭޖު ތެރެއިން ރަށުތެރެއަށް ލޮނުގަނޑު އަރައި، ރަށުގެ ހުޅަނގު ފަރާތުގެ ބޮޑު މަގުތަކަށް ލޮނުގަނޑު ފޯރާފައިވާ އިރު، އެކަމަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގދ. ތިނަދުއަށް އުދަ އަރާފައިވާ އިރު އެމްޓީސީސީއިން އެރަށުގައި ބޮޑުހިލަ ޖަހަނީ -- ފޮޓޯ/ސައުދު އަލީ
މީގެ އިތުރުން ސައުދު ވިދާޅުވީ، ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، އެމްޓީސީސީއިން ދަނީ ރަށުތެރެއަށް އުދަ ނާރާނެ ގޮތަކަށް ބޮޑުހިލަ ޖަހައިދިނުމުގެ މަސައްކަތް ކޮށްދެމުން ކަމަށެވެ. މި މަސައްކަތް މިހާރު ވެސް ކުރިޔަށް ދާ ކަމަށް ސައުދު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލެއަށް އުދަ އަރާފައިވާ އިރު، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފައެވެ.