08 May 2016, 20:28
ރާއްޖެއާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން، ދެގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހު ރާއްޖެ ވަޑައިގެންނެވި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން މިއަދު ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލު ކުރައްވައިފައެވެ. ޝައިޚް އަބްދުﷲ ބިން ޒައިދު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ، މިނިސްޓަރު ދުންޔާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
ދެ ބޭފުޅުން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، މަޝްވަރާ ކުރައްވާފައި ވެ އެވެ. އަދި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކުގެ މައްޗަށް އެބޭފުޅުން ވާހަކަ ދެއްކެވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ޔޫއޭއީއިން ރާއްޖެއަށް އަބަދުވެސް ދޭ އެއްބާރުލުމަށްޓަކައި، މިނިސްޓަރު ދުންޔާ ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދަށް ޝުކުރު އަދާކުރައްވައިފައެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
މި ބައްދަލުކުރެއްވުމަށް ފަހު، ޔޫއޭއީގެ ފޮރިން މިނިސްޓަރު މިއަދު ވަނީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ.
ރާއްޖެއާ ޔޫއޭއީއާ ދެމެދު 1978 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވާ އިރު، އެގައުމަކީ ރާއްޖޭގެ ތަރައްގީއަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.