އިންޑިއާގެ ހަތަރު ސިޓީއެއްގައި، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރާ ރޯޑްޝޯތަކެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީއިން ބުނެފައިވާ ގޮތުން، ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ލަކަނޫ، ޗަންދީގަރް، ޕޫނާ އަދި ހައިދަރާބާދުގަ އެވެ.

ލަކަނޫގެ ރޯޑްޝޯ މެއި 16 ވަނަ ދުވަހު އޮންނަ އިރު، ޗަންދީގަރްގައި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. ޕޫނާގައި މެއި 19 ވަނަ ދުވަހު ރޯޑްޝޯ އޮންނަ އިރު، ހައިދަރާބާދުގައި ރޯޑްޝޯ އޮންނަނީ 20 މެއި ގަ އެވެ.

މި ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތުން ފަސް މަންދޫބުން ބައިވެރިވެ އެވެ. އެއީ ޑޫސިޓް ތާނީއާއި، ސަން ސިޔާމް ރިސޯޓްސްއާއި، އަދާރަން ރިސޯޓްސްއާ، ލިލީ ބީޗު ރިސޯޓުގެ އިތުރުން ޓްރެވެލާސް ސްޓްރީޓެވެ.

އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި، މި ރޯޑްޝޯތަކަކީ އިންޑިއާގައި ރާއްޖެއަށް އޮތް ފަތުރުވެރިކަމުގެ މާކެޓު އިތުރަށް ފުޅާކުރުމުގެ މަގްސަތުގައި ބާއްވާ ރޯޑްޝޯތަކެކެވެ.

އަދި މިއީ އެ ކޯޕަރޭޝަނުން ބާއްވާ އިންޑިއާ ރޯޑްޝޯ ސީރީޒްގެ ދެވަނަ ބުރު ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ. އެ ކޯޕަރޭޝަނުން މިދިޔަ އަހަރު ވަނީ އިންޑީއާގެ ނިއު ދިއްލީ، ބެންގަލޫރު، ކަލްކަތާ، މުމްބާއީ އަދި ޗެންނާއީގައި ރޯޑްޝޯތަކެއް ބާއްވައިފަ އެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 52،368 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 14.9 ޕަސަންޓުގެ އިތުރުވުމެކެވެ.