ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއަށް އޮތް ގޮންޖެހުމަކީ ކްލައިމެޓު ޗޭންޖު ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބަނޑޮސް އައިލެންޑު ރިސޯޓުގައި މިއަދު ފެށި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ ބެހޭ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޠާރިޤު ވިދާޅުވީ، މިއަދު ފެށުނު ބައްދަލުވުމަކީ ވަރަށް ތާރީހީ ބައްދަލުވުމެއް ކަމަށެވެ.

ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވެސް ރާއްޖޭން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވެސް ރާއްޖެއިން އެފަދަ ކާމިޔާބީއެއް ހޯދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޠާރިޤު ވިދާޅުވި އެވެ.

ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑުތަކާއި ބެހޭ މަސައްކަތު ބައްދަލުވުގެ ތެރެއިން: ފޮޓޯ/ އެންވަޔަރަންމަންޓު މިނިސްޓްރީ

ނަމަވެސް އެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވެސް ރާއްޖެއަށް ގޮންޖެހުންތައް އެބަހުރި ކަމަށް މިނިސްޓަރު ޠާރިޤު ވިދާޅުވި އެވެ.

" ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއަށް އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ ކްލައިމެޓް ޗޭންޖް،" މިނިސްޓަރު ވިދާޅުވި އެވެ.

ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ޠާރިޤު ވިދާޅުވީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ފައިސާ ހޯދާނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ މިއަދު ފެށި ބައްދަލުވުމުގައި ސަރުކާރުގެ ގިނަ އިދާރާތަކުން ބައިވެރިވި ކަމަށެވެ.