08 May 2016, 18:50
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހްމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން މަރަން ހުކުމް ކޮށްފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ އިސްތިއުނާފު މައްސަލަ ނިންމައި ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.
ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ، ހަނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިން 19 ޖުލައި 2012 ވަނަ އަހަރު އެވެ.
މީގެ އެތައްދުވަހެއް ކުރިން އަޑުއެހުންތައް ނިންމާލާފައި އޮތް އެމައްސަލާގެ އިތުރު އަޑުއެހުންތަކެއް ދެފަހަރެއްގެ މަތިން ބާއްވާފައިވަނީ މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައުމާ ގުޅިގެން އިޖުރާއަތުތައް ފުރިހަމަކުރުމަށެވެ. އެމައްސަލައިގެ ހުކުމް މާދަމާގެ 2:00 އަށް ވަނީ ހައިކޯޓުގައި ތާވަލުކޮށްފަ އެވެ.
ހަނާގެ އިސްތިއުނާފު މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހެއްޓަވަނީ ފަނޑިޔާރު އަލީ ސަމީރެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުޖާއު އުސްމާނު އާއި ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމް އެވެ.
ހަނާގެ އިތުރުން އެމައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ އޭނާގެ ލޯބިވެރިޔާ މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ދެ ހާސް ބާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މ. މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، މުއްރަތާއި އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދައި، ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށް މުއްރަތު ވަނީ ކޯޓުގައި ބުނެފަ އެވެ.
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ މާރާލި ކަމަށް މުއްރަތު ވަނީ ދަށު ކޯޓުގައި އެއްބަސްވެފަ އެވެ.