10 May 2011, 10:56
އިގްތިސާދީ ހާއްސަ ހާލަތެއް މެދުވެރިވެގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށްފަހު ކުރީގެ މުސާރަ އަލުން އިއާދަ ކުރުމަށް ސިވިލް ސާވިސް ކޮމިޝަން )ސީއެސްސީ( އިން ނިންމުމުން ކުޑަ މުސާރަ ޝީޓް ތައްޔާރު ކުރުމަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިގެންނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމް އިއުލާން ކުރައްވަމުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނު އަސާސީގެ 179 ވަނަ މާއްދާގެ ށ. ގެ ދަށުން ސީއެސްސީ އަކީ މުސްތަގިއްލު ކޮމިޝަނެއް ކަމަށެވެ. އަދި ސިވިލް ސާވަންޓުގެ މުސާރަ އާއި އިނާޔަތް އެ ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ކަނޑައަޅާނީ ސީއެސްސީން ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ހާއްސަ ހާލަތެއް މެދުވެރިވެގެން މުސާރައަށް ބަދަލު ގެނައުމުގެ ބާރު ސީއެސްސީއަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނުގައި ބުނެފައިވާ ގޮތުން ނަމަ އެ ހާއްސަ ހާލަތު ބަދަލުވެއްޖެތޯ ކޮންމެ ތިން މަހަކުން ސީއެސްސީން ބަލައި ހާލަތު ބަދަލުވެފައިވާ ނަމަ ކުރީގެ މުސާރަ އަލުން އިއާދަ ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ މުސާރަ ކުޑަ ކުރުމުގައި މަޖިލީހުން ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ބަޖެޓު ފާސް ކުރާއިރު ދައުލަތަށް ލިބޭ އާމްދަނީ ހަތް ބިލިއަނަށްވުރެ މަތިވެއްޖެ ނަމަ މުސާރަ އަލުން އިއާދަ ކުރަންވާނެ ކަމަށެވެ. އަދި 2010 ވަނަ އަހަރު ދައުލަތުގެ ބަޖެޓަކީ 7.05 ބިލިއަން ކަމަށް ލަފާކޮށްފައިވާ ކަމަށް ފާހަގަ ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ މުސާރަ އަލުން އިއާދަ ކުރަންވާނީ ސީއެސްސީ އާއި ފިނޭންސް މިނިސްޓްރީއާ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް ވެސް މަޖިލީހުން ބުނެފައިވާ ކަމަށެވެ.
މުސާރަ އިއާދަ ކުރަންވާނީ ފިނޭންސާއި ސީއެސްސީއާ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް މަޖިލީހުން ބުނެފައިވީ ނަމަވެސް މަޖިލީހުގެ އެ ބުނުމަކީ ގާނޫނީ ގޮތުން އެއަށް އަމަލު ކުރުން ސީއެސްސީއަށް ލާޒިމްވާ ނިންމުމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުން ބޮޑު މުސާރަ އިއާދަ ކުރުމަށް ސީއެސްސީން ނިންމުމުން ކުޑަ މުސާރަ ޝީޓް ހެދުމަށް އެންގުމުގެ ބާރު ފިނޭންސަށް ލިބިގެންނުވާ ކަމަށާއި ސީއެސްސީގެ ބާރު ކެނޑޭ ގޮތަށް ނުވަތަ ބާރު ހަނިވާ ގޮތަށް އަމަލު ކުރުމުގެ ބާރު ފިނޭންސަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.