08 May 2016, 14:45
ހއ. ހދ. އަދި ށ. އަތޮޅުގައި ސަރުކާރުން ހަދަމުންދާ ރީޖަނަލް ވޭސްޓު މެނޭޖުމަންޓު ސެންޓަރުތަކުގެ ފައިނޭޝަލް އަދި މެނޭޖުމަންޓު ފީސިބިލިޓީ ސުޓަޑީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމަންޓަލް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑާއި އެ ކުންފުންޏާއެކު އެ މަސައްކަތް ކުރުމަށް ހަދާފައިވާ ޖޮއިންޓު ވެންޗާ އައިފްރާންޓިސް އެސޯސިއޭޓްސް ޕްރައިވެޓު ލިމިޓެޑާ އެވެ.
އެ މަސައްކަތް އެ ފަރާތާއި ހަވާލުކުރީ ތިން މިލިއަން ރުފިޔާ އަށެވެ. ސާޅީސްއެއް ރަށުގެ ފީސިބިލިޓީ ސުޓަޑީ ހެދުމުގެ އެ މަސައްކަތް އެ ދެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކުނި މެނޭޖު ކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރި ފަރާތްތަކާއި އެކު އެންވަޔަރަމަންޓު މިނިސްޓަރު ތާރިގާއި އެ މިނިސްޓްރީގެ ބައެއް ވެރިން ފޮޓޯއަކަށް ހުއްޓިލައިގެން: ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މިއަދުގެ ރަސްމިއްޔާތުގައި ނ. ކުޑަފަރިއާ ރ. ވާދޫގެ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގުރޭޑު ކުރުމަށް ބަޔަކާއި ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އިޖްސާ ކޮންސްޓްރަކްޝަނާ އެވެ. މީގެއިތުރުން މިއަދުގެ ރަސްމިއްޔާތުގައި ހދ. ކުރިނބީގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމު ކުރުމަށް ބަޔަކާއި ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރީ ވީ އަވާ އިންވެސްޓުމަންޓު ޕްރައިވެޓު ލިމިޓަޑާ އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ކުނި ކޮށިތައް އެޅުމާއި އެތަންތަން ތަރައްގީ ކުރުމަށް 2.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.