ބްރަސަލްސް : ލީބިޔާގެ ޒަޢީމް ކާނަލް މުޢައްމަރުލްޤައްޒާފީގެ ޒަމާން ފާއިތުވެ އޭނާގެ ވެރިކަން ނިމުމަކަށް އަންނަމުންދާ ކަމުގެ ކުލަވަރު ފެންނަމުންދާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވެއްޖެވެ.

ސީ.އެން.އެން. އަށް ދެއްވި ބަސްދީގަތުމެއްގައި ރަސްމޯސަން ވިދާޅުވީ ގައްޒާފީ އަވަހާރަކޮށްލުމަކީ އަދި އޭނާގެ ވެރިކަން ވައްޓާލުމަކީވެސް ނޭޓޯގެ ޕްލޭނެއް ނޫންކަމަށާއި ނޭޓޯ މަސައްކަތްކުރަނީ ގައްޒާފީގެ ބާރުތަކުގެ ޙަމަލާތަކުން ލީބިޔާގެ ޢާންމުން ސަލާމަތް ކުރުމަށްޓަކައެވެ.

ލީބިޔާގެ މައްސަލައިގެ ޙައްލަކީ ޢަސްކަރީ ޙައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ސިޔާސީ ޙައްލަކުން ނޫނީ ލީބިޔާއަށް ފާގަތި އަމާން މުސްތަޤްބަލެއް ނުގެނެވޭނެ ކަމަށްވެސް ރަސްމޯސަން ވިދާޅުވިއެވެ.

ޑެންމާކްގެ ބޮޑުވަޒީރަކަށް ހުންނެވި ދުވަސްވަރު މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތުގެ ބަސްތައް ރައްދުކުރެއްވުމުގެ ސަބަބުން މުސްލިމުންނާއި އިސްލާމީ ދުނިޔޭގެ އިތުރުން އިސްލާމް ދީނަށް އިޙްތިރާމްކުރާ ހުޅަނގުގެ މެދުމިނުގެ ޚިޔާލުގެ ރައްޔިތުންގެވެސް ނުރުހުން އަމާޒުވި ރަސްމޯސަން ވިދާޅުވީ އުސާމާ ބިންލާދިން އަވަހާރަކޮށްލުމުގައި އެމެރިކާއަށް "ކާމިޔާބު" ލިބުމުން ހުޅަނގުގެ މަޤްސަދްތައް ޙާސިލްވެ ގައްޒާފީގެ ޒަމާންވެސް ފާއިތުވަމުންދާ ކަމުގެ އިޙްސާސް ޝަޚްސީގޮތުން އޭނާއަށްކުރެއްވޭ ކަމުގައެވެ.

ނޭޓޯގެ ޙަމަލާތަކެއްގައި ދާދިފަހުން ގައްޒާފީގެ ހަނގުދަރިކަލުންނާއި ކާފަ ތިންދަރިއަކު މަރުވި މައްސަލައިގެ މައްޗަށް ރަސްމޯސަން އިޝާރާތެއް ނުކުރައްވައެވެ. ލީބިޔާއިންވަނީ މިއީ ނޭޓޯއިން ހިންގި ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި މިޖަރީމާގެ ފަހަތުގައިވާ ހުޅަނގުގެ ލީޑަރުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރަންޖެހޭނެ ކަމަށް ބުނެފައެވެ.
އަނެއްކޮޅުން ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް ނޭޓޯއިން ރޭވެސް ވަރަށްވަރުގަދަ ވައިގެ ޙަމަލާތަކެއް ދިންކަމަށް ޚަބަރުލިބެއެވެ. އަދި ގައްޒާފީގެ ބާރުތަކުން މިސްރާތާގެ ބައެއް ތަންތަނަށް ބޮޑުބަޑިންނާއި ރޮކެޓުން ޙަމަލާތައް ދިންކަމަށް ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނެއެވެ.

ލީބިޔާގެ މަސްރަޙަށްބަލާއިރު ޒަމާނީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ހަތިޔާރާއި އިތުރު ތަމްރީން ލިބިގެން މެނުވީ ގައްޒާފީގެ މައްޗަށް ނަސްރު ނުހޯދޭނެ ކަމަށާ މިފަދަ ޙާލަތެއްގައިވެސް ލީބިޔާގެ ބޮޑުބައެއް ސުންނާފަތިވެގެން މެނުވީ ޢަސްކަރީގޮތުން ގައްޒާފީގެ ބާރު ކަނޑުވައިނުލެވޭނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

ލީބިޔާގެ މަސްރަޙަށް ހުޅަނގުގެ ބާރުތައް ވަންނަންޖެހުނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ނުކުތް ރައްޔިތުންގެ ދުވަސް ދުއްވާލުމަށްޓަކައި ގައްޒާފީ ބަރުހަތިޔާރު ބޭނުންކުރައްވައި ރައްޔިތުންނާ ދެކޮޅަށް ޤަތްލުޢާންމުތައް ހިންގަވަން ފެއްޓެވުމުން އޭނާގެ އަނިޔާވެރިކަމުން ލީބިޔާގެ ޢާންމުން ހިމާޔަތް ކުރުމުގެ ނަމުގައެވެ.
ލީބިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ރައްޔިތުންދަނީ އަވަށްޓެރި ތޫނިސްއަށް ރެފިއުޖީންގެ ގޮތުގައި ހިޖްރަކުރަމުންނެވެ. (ނޫސްއެޖެންސީތައް)