08 May 2016, 13:56
އއ. ތޮއްޑޫ ބްރައިޓް ކްލަބުން އިންތިޒާމުކޮށްގެން އެ ރަށުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ފުޓްސަލް މުބާރާތް، ބްރައިޓް ޗެލެންޖް ކަޕް މި އަހަރުގެ ފިޠުރު އީދުގައި ބޭއްވުމަށް ނިންމައިފި އެވެ.
ބްރައިޓް ކްލަބުން ބާއްވާ 23 ވަނަ ބްރައިޓް ޗެލެންޖް ކަޕުގެ މެޗުތައް ކުރިއަށްދާނީ ޖުލައި މަހުގެ ހަ ވަނަ ދުވަހު ތޮއްޑޫ އުތުރު އަވަށު ފުޓްބޯޅަ ދަނޑުގައެވެ.
ތޮއްޑޫގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ބްރައިޓް ކްލަބުގެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ތޮއްޑޫގެ ޒުވާނުންނާއި ދުވަސްވީ މީހުން ވެސް ޝާމިލުވާ ގޮތަށް ފުޓްބޯޅަ ކުރިއަރުވާ މުޖުތަމައުގައި އެކަހެރި އެއްވެސް ޒުވާނަކު ހުރިޔަނުދިނުމުގެ އަމާޒަކީ ކްލަބުގެ މޮޓޯކަމުގައި ހެދުމެވެ.
ބްރައިޓް ކްލަބުން ބުނީ، މުބާރާތުގެ ސަބަބުން ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ތޮއްޑޫގައި އުފެއްދުމާއި، ބްރައިޓް ޗެލެންޖް ކަޕަކީ ރާއްޖޭގައި ފާހަގަކުރެވޭފަދަ ރަނގަޅު މުބާރާތަކަށް ހެދުމާއި، މުބާރާތުގެ ސަބަބުން ޒުވާނުންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮތް ލޯބި އިތުރުކުރުމާއި އެ ކްލަބާ ދޭތެރޭ އޮތް ގާތްގުޅުން ބަދަހި ކުރުން ވެސް މުބާރާތް ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، އެ މުބާރާތުގައި ބައިވެރިވޭނެ އެންމެފަހު ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ތޮއްޑޫގައި ހުންނަ ބްރައިޓް ސްޓޯރުން ދޫކުރާ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު 2000 ރުފިޔާގެ ފީއެއް ދެއްކުމަށް ބްރައިޓް ކްލަބުން އެދެ އެވެ.
ބްރައިޓް ޗެލެންޖް ކަޕުގެ ޤަވާއިދު ބްރައިޓް ކްލަބުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ ކްލަބުން ބުންޏެވެ.