08 May 2016, 12:09
މާލެ ދަތުރުކުރާ ހއ. އިހަވަންދޫ ބޯޓެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ ދަތުރުކުރާ އިހަވަންދޫ ބޯޓެއް ކަމުގައިވާ 242 ބޯޓު މާރެންދޫ ފަޅުތެރޭގައި އޮއްވައި އޭގައި އަލިފާންރޯވެ އަނދަމުންދާތީ އަލިފާން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މާރަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު ސަން އަށް ވިދާޅުވީ އެ ބޯޓުގައި ރޯވި އަލިފާން އަދި ވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

މާލެ ދަތުރުކުރާ އިހަވަންދޫ 242 ބޯޓުގައި އަލިފާން ރޯވެ އަނދަނީ ---- ފޮޓޯ: ފޭސްބުކް
އޭނާ ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި މީހުންގެ މުދާތައް އެ ބޯޓުގައި ހުރި ކަމަށެވެ.
"އެންމެ އިސްކަމެއް ދިނީ މީހުން ސަލާމަތް ކުރުމަށް. ބޯޓުގައި ތިބި އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައި. އެ ބޯޓުގައި ހުރި ގޭސްފުޅިތައް ވަނީ ބޯޓުން ބޭރުކޮށްފައި. ނަމަވެސް އޭގައި ހުރިހާ މުދާތައް އަދި ހުރީ ބޯޓުގައި،" ޝާފިއު ވިދާޅުވި އެވެ.
އަލިފާން ރޯވި އިރު ބޯޓުގައި ތިބީ ފަޅުވެރިން އެކަންޏެވެ.
މާރަންދޫ ބަނދަރުގައި އެ ބޯޓު އޮތީ އެންމެ ފަހުން މާލެ ކުރި ދަތުރުގައި ގެނައި މާރަންދޫ މީހުންގެ މުދާތައް ބޭލުމަށް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ ބޯޓުގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.